ވަގު ޓިކެޓުތަކެއް ވިއްކާފައި ވާތީ އަސްކޮއި ޤުރޫޕުގެ ހަވާލުގައި އުމްރާއަށް ދާން އުޅެ ނުފުރުނު 50 މީހުން މިއަދު ފުރައިފިއެވެ.

އެ ގުރޫޕްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި، ވަގުޓިކެޓް މައްސަލާގައި މިދިޔަ އާދިއްތަ ދުވަހު ނުފުރި ތިބި 50 މީހުން މިއަދު ފުރުވާލާފައިވާކަމަށެވެ. އެ މީހުން ފުރުވާލާފައި ވަނީ ސްރީލަންކަން އެއާލައިންސްގައެވެ. އަދި ބާކީ ތިބި މީހުން އަންނަ ހަފްތާ ބުރާސްފަތި ދުވަހު ފުރުވާލުމަށް ވަނީ ނިންމާފައެވެ.

އެ ގްރޫޕުން އުމްރާއަށް ދާ މީހުންގެ ތެރެއިން 168 މީހަކަށް ވަގު ޓިކެޓު ލިބުނެވެ. ލިބިފައި ވަނީ ވަގު ޓިކެޓުތަކެއް ކަން އެނގުނީ އާދިއްތަ ދުވަހު އުމްރާ އަށް ފުރަން އޮތް 50 މީހަކު އެއާޕޯޓަށް ގޮސް ތިއްބައެވެ.

ސައްހަ ނޫން ޓިކެޓްތަކެއް ވިއްކި މައްސަލަ ފުލުހުން ތަހްްޤީޤުކޮށް މިހާތަނަށް ބެލިބެލުމުން އަސްކޮއި ހައްޖު އުމްރާ ގްރޫޕްގެ ފަރާތުން އުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ޓިކެޓް ގަތުމަށް ސަމްހާ ގްރޫޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ފައިސާ ހަވާލު ކުރިއެވެ. އަދި މިފައިސާ ސަމްހާ ގްރޫޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ޑީބީ ޓްރެވަލް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމުން އެކުންފުނީގައި މަސައްކަތް ކުރާ ފަރާތަކުން ސައްހަނޫން 168 ޓިކެޓް ދޫކޮށްފައިވާ ކަން ވެސް ވަނީ އެނގިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ މައްސަލައިގައި ޓިކެޓް ވިއްކި ކުންފުނީގެ އިސްވެރިއަކު ވަނީ ހައްޔަރުކޮށްފައެވެ.