މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލައިގައި ސިފައިންނާއި ފުލުހުންގެ ވެރިން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް ހާޒިރުކުރަން ފާސްކޮށްފިއެވެ.

ފުލުހުންނާއި ސިފައިންގެ ވެރިން ހާޒިރުކުރަން ކޮމިޓީން ނިންމީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

2017 އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލަ ބެލުމަށް އިމްތިޔާޒް ކޮމިޓީ އަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އެވެ.

މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވީ އޭރު މަޖިލީހުގެ ރައީސްގެ މަޤާމުގައި އިންނެވި އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެދުވަހު ނަގަންޖެހޭއިރު، އެދުވަހު ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފައި ނުވުމުންނެވެ.

މެމްބަރުންނަށް ސިފައިންނާއި ފުލުހުން ހުރަސްއެޅި އިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހުސެއިން އަރީފެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ. ޑިފެންސް މިނިސްޓަރަކީ އާދަމް ޝަރީފެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ ކަންކަމުގެތެރެއިން އެންމެ ބޮޑު އިސްކަމެއްދޭނީ މުޅި މަޖިލީހުގެ ހައްގަށް ނުވަތަ އިމްތިޔާޒަކަށް ޖުމްލަގޮތުގައި އުނިކަން އަންނަ ކަންކަމަށްވުމާއި، އެފަދައިން މަޖިލިގެ އިމްތިޔާޒަށް އުނިކަން އަންނަ ކަންކަމުގެ ތެރޭގައި މަޖިލީހުގެ ރައްކާތެރިކަމާއި، މަޖިލީހުގެ ގަދަރާއި މަޖިލީހުގެ ޖަލްސާތަކުގެ ސައްހަކަން ހިމެނޭކަމަށެވެ.

މެމްބަރުން ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް ވަނުމަށް ސިފައިންނާއި ފުލުހުން ހުރަސްއަޅައި، އެ މެމްބަރުންގެ ގަޔަށް އައްލައި ގަދަކަމުން އެ މެމްބަރުން ހިފަހަށްޓަށް މަސައްކަތްކޮށްފައިވުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުންގެ ގަޔަށް ފިރިހެން ފުލުހުން އަތްލައި، އަދި މެމްބަރުންގެ ލޮލަށް ޕެޕަރސްޕްރޭ ޖަހާފައިވުމާއި، މިގޮތުން ޕެޕަރސްޕްރޭ ރައްދުވި މެމްބަރުންގެ ތެރޭގައި މަޖިލީހުގެ އަންހެން މެމްބަރުން ވެސް ހިމެނޭކަމަށް އިންތި ހުށަހެޅުއްވި މައްސަލާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ع / س

    ސިފައިންނާއި ފުލުހުންގެ ވެރިން ސީދާ ތިޔަތަނަށް ޙާޒިރުކޮށްގެން ރޭވިފައިވާ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ކުރާނެ ކަމެއް ނޯންނާނެއެވެ. އަދި އެބޭފުޅުން ތިޔަތަނަށް ދިޔުމަށް އިންކާރު ކުރެއްވިޔަސް ރޭވިފައިވާ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި އެބޭފުޅުން ތިޔަތަނަށް ގެންދެވޭނެ ގޮތެއްވެސް ނޯންނާނެއެވެ. އެހެނީ އެއްޗަކަށްވާނީ، ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކެވެ. ވީއިރު، ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކުގެ ތެރޭގައި މައްސަލަތައް ބެލުމާއި، ތަޙްޤީޤުތައް ހިންގުމާއި މިކަންކަން ކުރެވޭ ހަމަތަކެއްހުރެއެވެ.

  2. ބޮޑު ދެލޯ

    މަސްލަޙަތު އެއްމެ ރަގަޅުވާނީ ތިޔާ ޙާޒިރުކުރާ ސިފައިންނާއި ފުލުހުން ވަޒީފާއިން އެއްކާރިކޮށް އިންޑިޔާ ސިފައިންނާއި ފުލުހުން އެމަޤާމުތަކަށް ހަމަޖެއްސުން. ފަހަރުގައި މިއީ ރޭވިފައިވާ ގޮތް ކަމަށްވެސް ވެދާނެ!!!!