2011 ވަނަ އަހަރު އައްޑޫ ސިޓީގައި ރައީސް ނަޝީދާއި ރާޖަޕަކްސަ ބައްދަލު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ވަގުތީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެޤައުމުގެ ރައީސް މަހިންދަ ރާޖަޕަކްސައާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ADS BY OOREDOO

ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ނަޝީދާއި، ރައީސް ރާޖަޕަކްސައާ ވަނީ ދެޤައުމުގެ ސިޔާސީ ކަންކަމާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ކަންކަމާ މެދު މަޝްވަރާ ކުރެއްވި އެވެ.

ރައީސް ނަޝީދު ވަނީ، އެމްޑީޕީއިން ރާއްޖޭގެ ތަރައްޤީއާ މެދު އެކުލަވާލާފައިވާ ސިޔާސަތުތައް ލަންކާގެ ރައީސްއާ ހިއްސާ ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި، އައްޑޫ ސިޓީ ތަރައްޤީ ކުރުމަށް ސްރީލަންކާއިން ދެއްވި އެހީތަކުގެ ތަފްސީލުތައް ވެސް ލަންކާގެ ރައީސް ރާޖަޕަކްސައާ ވަނީ ހިއްސާ ކުރައްވާފަ އެވެ.

މީގެ އިތުރުން، ރައީސް ނަޝީދުގެ ޝަރަފުގައި، ރައީށް މަހިންދަ ރާޖަޕަކްސަ ވަނީ ރޭ ރޭގަނޑުގެ ފަރިއްކޮޅެއް ވެސް ދެއްވާފަ އެވެ. މި ފަރިއްކޮޅަށް ފަހު، ރައީސް ނަޝީދު ވިދާޅުވީ، ސްރީލަންކާގެ ހަމަޖެހުމާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ކަންކަމުގައި ސްރީލަންކާއަށް ރާއްޖެއިން އެއްބާރުލުން ދިނުމަކީ އެމްޑީޕީއިން އިސްކަން ދޭނެ ކަމެއް ކަމަށެވެ.

ADS BY SHEESHA

މި ފަރިއްކޮޅުގައި، ސްރީލަންކާ ސަރުކާރުގެ އިސްވެރިންނާއި، ރައީސް ނަޝީދާ އެކު ސްރީލަންކާއަށް ވަޑައިގަތް ވަފުދުގައި ހިމެނޭ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Comments are closed.