ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ މެނޭޖިިންގ ޑިރެކްޓަރުގެ މަގާމަށް ބަޔަކު ހަމަޖައްސައިފިއެވެ.

އެސްޓީއޯ، އެމްޑަބްލިވްއެސްސީ، އައިލެންޑް އޭވިއޭޝަންއަށް މެނޭޖިންގ ޑިރެކްޓަރުން ހަމަޖައްސާފައިވަކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހުސައިން އަމްރު މުހައްމަދުއެވެ. އަމްރުއަކީ ކުރިން އެމްޓީސީސީގެ ސީއީއޯގެ މަގާމްވެސް ފުރުއްވާފައިވާ ފަރާތެކެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އާދަމް އާޒިމެވެ. އާޒިމް މީގެ ކުރިން އެސްޓީއޯގެ އިސްވެރިޔާގެ މަގާމް އަދާކުރެއްވިއެވެ. އަދި އެމްޑަބްލިވްއެސްސީގައިވެސް މަސައްކަތް ކުރެއްވިއެވެ.

ގައުމީ އެއާލާއިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް)ގެ މެނޭޖިންގް ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މުހައްމަދު ރިޒްވީއެވެ. ރިޒްވީ ކުރިން ހުންނެވީ އައިއޭއެސްއިން ހިންގާ ޓްރެވަލް ބިއުރޯ "މޯލްޑިވިއަން ހޮލިޑޭސް"ގެ ހެޑްގެ ގޮތުގައެވެ.

މި ތިން މަގާމަށް ބޭފުޅުން އައްޔަންކޮށްފައިވާކަން މިއަދު އިއުލާނުކުރެއްވިއިރު، މީގެ ކުރިން މި މަގާމްތަކުގައި ތިއްބެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހަމަޖެއްސެވި ބޭފުޅުންނެވެ.