އާ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އާ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ވެލާނާ އިންޓަނޭޝަަލް އެއާޕޯޓް (ވީއައޭ) ގައި އަލަށް އިމާރާތް ކުރާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލް އެޅުމުގެ މަސައްކަތް މާގިނަ ދުވަސްތަކެއް ނުވެ ފަށާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފުއެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އާ ޓާމިނަލްގެ މަސައްކަތް ކުރުމަށް ހުރިހާ ފައިސާއެއް ހަމަޖެހިފައިވާކަމަށެވެ. އާދިލް ވިދާޅުވީ، ބައެއް މަސައްކަތްތައް ބުނާ ތާރީހަށް ނުފެށުނުކަމުގައި ވިޔަސް، މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

އާދިލް ވިދާޅުވީ، އެ މަސައްކަތްތައް ކުރިއަށްދާނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުން ކަމަށެވެ. އެ މަސައްކަތް ފަށާނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

"އަޅުގަނޑުމެން މިހާރު އޭގެ އެންމެ ފައިނަލް ޑޭޓްތައް ފައިނަލް ކުރަމުން މި ދަނީ. އެ ޑޭޓް ފައިނަލްވުމާއެކު އަޅުގަނޑުމެން ހާމަކުރާނަން. އެހެން ނަމަވެސް މާގިނަ ދުވަސްތަކެއް ނުނަގާނެކަމަށް އަޅުގަނޑު ޔަގީންކަންދެން". އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ، އޯޕެކް ފަންޑާއި، ސައުދީ ފަންޑާއި، ކުވައިތް ފަންޑް އަދި އަބޫދާބީ ފަންޑުން ޓާމިނަލްއަށް ބޭނުންވާ ފައިސާ ހަމަޖެހި ލޯންތަކުގައި ވެސް ސޮއިކުރެވިފައިވާކަމަށެވެ.

އާ ޓާމިނަލްގެ މަސައްކަތް ސައުދީގެ ބިންލާދީ ގްރޫޕާ ހަވާލުކޮށްފައި ވަނީ 300 މިލިއަން ޑޮލަރަށެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް އަޅާނީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލާ ދެކުނަށްވާ ސަރަހައްދަށެވެ. އާ ޓާމިނަލް އެޅުމާއެކު، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުން ކުރާނީ ރާއްޖޭގެ އެތެރޭގެ އުދުހުންތައް އޮޕަރޭޓު ކުރާ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު