ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ފާތިމަތު އާމިރާ އައްޔަންކުރައްވައިފިއެވެ.

އާމިރާ މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމުގެ ހުވާ ކުރައްވާފައެވެ.

ސީއެސްސީގެ މެންބަރު ކަމަށް އާމިރާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 71 މެންބަރުންގެ ވޯޓުންނެވެ. އަދި މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކު ކޮމެޓީން އެންމެ މަތިން މާކްސް ދީފައި ވަނީ ވެސް އާމިރާއަށެވެ.

އާމިރާއަކީ ސީއެޗްއެސްސީގެ ޕްރިންސިޕަލްކަމުގެ އިތުރުން ތައުލީމީ ދާއިރާގެ ގިނަ މަޤާމްތަކެއް ފުރުއްވާފައިވާ ކަނބަލެކެވެ.

ސީއެސްސީއަށް މެންބަރަކު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއުލާންކުރީ އެ ކޮމިޝަންގެ މެންބަރު ރީނީ އަބްދުއްސައްތާރުގެ ދައުރު ހަމަވުމުންނެވެ.