އީޔޫ ޕާލަމެންޓް އަކީ އެތަނުން ނިންމާ ނިންމުން ތަކަށް ތަބާވުން ލާޒިމު ކުރާ ތަނެއް ނޫން ކަމަށާއި އީޔޫ ޕާލިމެންޓުގައި ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ.

އީޔޫ ޕާލިމެންޓް ގައި މާދަމާ ރާއްޖޭގެ މައްސަލަ އެޖެންޑާ ކޮއްފައިވާއިރު ރާއްޖޭ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފާނެ ތޯ "ވަގުތު" އިން ސުވާލު ދެންނެވުމުން ޕީޕީއެންގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވީ އީޔޫ އިން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާނީ ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ އީޔޫ އިން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅެއް އެޅުމުގެ ކުރިން ކަންތައްތައް ވަރަށް ރަނގަޅަަށް ބައްލަވާނެ, އީޔޫ ޕާލިމެންޓަކީ އެތަނުން ނިންމާ ނިންމުން ތަކަށް ތަބާވުން ލާޒިމު ކުރާތަނެއް ނޫން" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ރާއްޖޭއާއި ދެކޮޅަށް ފިޔަވަޅު އެޅިއަސް އަޅާނީ ވަކި ވަކި ގައުމުތަކުން ކަަމަށާއި ހުރިހާ ގައުމުތަކުން ފިޔަވަޅު ނާޅާނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންއިން ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވަނިކޮށް ރާއްޖޭގެ މައްސަލަ މާދަމާ އަނެއްކާވެސް ޕާލަމެންޓުގައި ވަނީ އެޖެންޑާކޮށްފައެވެ.

ޔޫރަޕިއަން ޕާލަމެންޓުގައި މި ޤަރާރުގެ އިއްވާނީ ރާއްޖެ ގަޑިން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30 ގައި ކުރިއަށްދާ ސެޝަންގައެވެ. އަދި ޤަރާރަށް ވޯޓަށް އަހާނީ ބުރާސްފަތި ދުވަހު ރާއްޖެގަޑިން 4:30 ގައި އޮންނަ ސެޝަންގައެވެ.

ޔޫރަޕިއަން ޕާލަމެންޓަށް މިފަހަރު ހުށަހަޅާ ޤަރާރު ސްޕޮންސަރކުރަނީ އީޔޫ ޕާލަމެންޓްގެ 7 ޕާލަމެންޓްރީ ގްރޫޕަކުންނެވެ.

ޔޫރަޕިއަން ޕާލަމެންޓްގައި ރާއްޖޭގެ މައްސަލަ މިފަހަރު އެޖެންޑާކޮށްފައިވަނީ ފަރަންސޭސިވިލާތުގެ ސްޓްރަސްބާގްގައި މިމަހުގެ 12 އިން 15 އަށް ކުރިއަށްދާ ސެޝަންގައެވެ.

ޔޫރަޕިއަން ޕާލަމެންޓަށް ހުށައަޅާ މިޤަރާރުގައިވަނީ އަޅާނެ ފިޔަވަޅުތައް ލިސްޓްކުރުމަށް ގޮވާލާފައެވެ.

މިގަރާރުގައި ރާއްޖޭގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާއި، ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ކޯޓުތަކަށް މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކުރުމާއި، މީޑިއާގެ މިނިވަންކަން ދިނުން ހިމެނެއެވެ.

މިޤަރާރު ފާސްވެއްޖެނަމަ ވިލާތުގެ އިއްތިޙާދުން ދިވެހި ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.

އީޔޫގެ ކައުންސިލުން މީގެ ކުރިން ފާސްކުރި ގަރާރުގައި ރާއްޖެ އަށް ގޮވާލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި އަސާސީ ހައްގުތައް އަނބުރާ ދިނުމަށާއި ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށެވެ. ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ވަނީ ދީފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު އެ ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ޔަހޫދީންނަށް ވާގިވެރިވާ ފަރާތްތަކަށް ޔަހޫދީން ވާގިވެރިވާނެ! އިސްލަމްދީނަށް ނަޞްރުދޭ ފަރާތްތަކަށް ﷲ ތަޢާލާގެ މަދަދު ލިބިގެންދާނެ! ވީމާ ބާޠިލާ ޙައްޤާދެމެދު ކުރެވޭ ހަގުރާމައަށް ގިނަފަހަރު ނަޞްރުލިބޭނީ ޙައްޤުގެފަރާތަށް!

  2. ޓިނޭ

    ވޯ ސޯ ގައްޑާ

  3. އެދުރުބެ

    ޔަހޫދީންނަށް ވާގިވެރިވާ ފަރާތްތަކަށް ޔަހޫދީން ވާގިވެރިވާނެ! އިސްލަމްދީނަށް ނަޞްރުދޭ ފަރާތްތަކަށް ﷲ ތަޢާލާގެ މަދަދު ލިބިގެންދާނެ! ވީމާ ބާޠިލާ ޙައްޤާދެމެދު ކުރެވޭ ހަގުރާމައަށް ގިނަފަހަރު ނަޞްރުލިބޭނީ ޙައްޤުގެފަރާތަށް! ހފްސާ-
    ތިއީ އަސާސް މައްޗައް ބަލާ އަދާލަތު ޕާޓީން ކުރާ ކުރާ ސިޔާސީ ހަނގުރާމަ އަކީ ކޮން ކޮޅަކަށް ކުރެވޭ ހަނގުރާމަ އެއްތޯ؟؟؟