އައްޑޫ ސިޓީގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާ, ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރ ނަހުލާ މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލާއި، އެސިޓީގައި މަސައްކަތް ކުރާ ޓްރާންސްޕޯޓު އޮތޯރިޓީގެ މުވައްޒަފުންނާ އަދި ފުލުހުންނާ މަޝްވަރާ ކުރައްވާފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ބައްދަލުވުންތަކުގެ ތެރެއިން، އައްޑޫ ލިންކް ރޯޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުންނާއި, އެކްސިޑެންޓްތައް މަދުކުރުމަށް ޚާއްޞަ ގޮތްތަކެއްގައި މަޝްވަރާ ކުރެވިފައިވެއެވެ. ހަމައެހެންމެ، އެ ސިޓީގެ ދަތުރުފަތުރުގެ ކަންކަމުގައި ހުރި އެހެން ދަތިތައްވެސް ކައުންސިލް ފާހަގަކުރައްވާފައިވެއެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން މިނިސްޓަރ ނަހުލާ ވިދާޅުވެފައިވަނީ އައްޑޫގެ މަގުތައް ރައްކާތެރި ތަންތަނަށް ހެދުމަށް ބޭނުންވާ ސާމާނު ގެނެވިފައިވާކަމުގައެވެ. އަދި، މި ހިނގާ ޑިސެމްބަރު މަސް ނިމުމުގެ ކުރިން މަގުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ކުރަން ޖެހޭ މަސައްކަތްތައް ފެށިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުމަށްފަހު ޓްރާންސްޕޯޓް އާ ގުޅުންހުރި ކަންތައްތައް މިނިސްޓްރީ އާއި އޮތޯރިޓީ އާ ގުޅިގެން ސިޓީ ކައުންސިލުން ކުރިއަށް ގެންދާނެ ގޮތްތަކާމެދުވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މިނިސްޓަރ ނަހުލާ ވަނީ އައްޑޫގެ މަގުތަކުގެ ހާލަތާއި ދަތުރުފަތުރު ކުރުމުގައި ބޭނުންވާ ސަލާމަތީ ކަންކަން ހުރި ނެތްގޮތްވެސް ބައްލަވާލައްވާފައެވެ.