ދުނިޔޭގެ މަޝްހޫރު ހޮންގް ކޮންގގެ ޑިޖިޓަލް ލައިފްސްޓައިލް ބްރޭންޑެއް ކަމަށްވާ "ރިމެކްސް" ބްރޭންޑް ރާއްޖެއަށް ތައާރަފްކޮށް، ބްރޭންޑްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.

މި ބްރޭންޑް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ، މޯލްޑައިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. ރިމެކްސް ބްރޭންޑް ރާއްޖެ ތައާރަފްކުރުމުގެ ގޮތުން ރޭ މާލޭގައި އެ ބްރޭންޑުގެ ފްރެންޗައިސް އައުޓްލެޓެއް ވަނީ ހުޅުވާފައެވެ.

ކެންގަރޫކިޑްސް ޕްރީ ސްކޫލް ކުރިމަތީގައި ހުންނަ އެ އައުޓްލެޓް ހުޅުވައިދެއްވީ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަޙްމަދު މަހުލޫފްއެވެ.

ރިމެކްސް ބްރޭންޑަކީ ހޮންގްކޮންގ ގެ ރިފައިން އިންޑަސްޓްރިއަލް (އޭޝިއާ) ލިމިޓެޑްގެ ސަބް ބްރޭންޑެކެވެ. މި ބްރެންޑް ވުޖޫދަށް އައީ 2010 ވަނަ އަހަރުއެވެ.

މިހާތަނަށް މި ބްރޭންޑުގެ 700 އަށްވުރެ ގިނަ ކެޓަގަރީއަކުން 3800 އަށްވުރެ ގިނަ ޕްރޮޑަކްޓް ވަނީ ބާޒާރަށް ނެރެފައެވެ. ރިމެކްސްގެ އުފެއްދުންތައް ދުނިޔޭގެ 120 އަށްވުރެ ގިނަ ގައުމުގައި ލިބެން ހުންނާއެވެ.

އެގޮތުން ރާއްޖޭގައި ހުޅުވިހެން މިދިޔަ އައުޓްލެޓަކީ ރިމެކްސްގެ ދުނިޔޭގައި ހުޅުވި 6300 ވަނަ އައުޓްލެޓެވެ. ރާއްޖޭގައި ހުޅުވި ރިމެކްސްގެ ބްރޭންޑުގެ ރަސްމީ އައުޓްލެޓުން ވެސް މި ބްރޭންޑުން ބާޒާރަށް ނެރޭ ޕްރޮޑަކްޓުތައް އެއް ފުރާޅެއްގެ ދަށުން އަގުހެޔޮކޮށް ލިބިގެންދާނެއެވެ. އެގޮތުން ރިމެކްސް ބްރޭންޑުގެ ދަށުން ނެރޭ ޕްރޮޑަކްޓުތަކުގެ ތެރެއިން ރާއްޖޭގެ އޮފިޝަލް ސްޓޯރގައި މިވަގުތު ގިނައިން ހިމެނޭނީ މޯބައިލް ފޯނާ ގުޅުންހުރި ޕްރޮޑަކްޓުތަކެވެ.

3ސީ ޓެކްނޮލޮޖީ ޑިޖިޓަލް ލައިފްސްޓައިލް ސްޓޯރއެއް ގޮތުގައި ރިމެކްސް އޮޕަރޭޓްކުރާއިރު، ލައިފްސްޓައިލް އެތައް ޕްރޮޑަކްޓްތަކެއް ރިމެކްސް ގެ ފުރާޅުގެ ދަށުގައިވާތީ، ކުރިއަށް އޮތް ކައިރި މުސްތަގްބަލުގައި ރާއްޖޭގައި މިހުޅުވުނު އައުޓްލެޓްގައިވެސް ރިމެކްސްގެ އިތުރު ރޭންޖެތައް ތައާރަފްކުރެވިގެންދާނެއެވެ.

ރިމެކްސް ބްރޭންޑުގެ ރާއްޖޭގެ ޕާޓްނަރު، މޯލްޑައިސް ޕްރައިވެޓް ލިމިޓެޑަކީ 2010 ވަނަ އަހަރު އުފެއްދި ރާއްޖޭގެ އެކި ކެޓަގަރީތަކަށް ރިސޯޓް ސަޕްލައި ކުރުމުގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ކުރާ ދިވެހި ކުންފުންޏެކެވެ.

މޯލްޑައިސް އިން އެކްސްކްލޫސިވްކޮށް ޑީސްޓްރިބިއުޓްކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ސޭފް މާކް، ސޫޓްސް، ޖީޕީ ފަދަ ބްރޭންޑްތަކުގެ ހިމެނެއެވެ. ކުންފުނިން ޑިސްޓްރިބިއުޓްކުރާ ބްރޭންޑްތަކުގެ ތެރެއަށް ރިމެކްސް އިތުރުވެގެންދިޔުމަކީ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.