ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވުނު ޖަލްސާގައި ވަނީ މުހިންމު މަސައްކަތެއް ކޮށްފައެވެ. މިއަދު މަޖިލީހުގައި ކޮށްފައިވާ މަސައްކަތަކީ ދިވެހިރާއްޖޭގެ ބްރޮޑްކާސްޓިން ކޮމިޝަނށް މެންބަރަކު އައްޔަނުކުރެއްވުމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަޖިލީހަށް ފޮނުވާފައިވާ ނަންފުޅުތަށް ދިރާސާކޮށް އެ މައްސަލައަށް ގޮތެއް ނިންމައި ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މަސައްކަތެވެ.

މިއަދުގެ މަޖިލިސް 11:00 ގައި ފަށާފައިވާއިރު ބްރޮޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރެއްވުމަށް ފަސް ބޭފުޅެއްގެ ނަން ވަނީ މަޖިލީހަށް ހުށައަޅައިފައެވެ. އެގޮތުން ބްރޮޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވެވި ނަންތަކަކީ އަމްޖަދު ވަހީދާއި، މުހައްމަދު އަސްލަމް، ހ.ޕްރިޓީވިލާ ،މުހައްމަދު ޝަމީމް އަދި ނ.މަނަދޫ ،އޯޓާގޯ މަޖުދު ރަޝީދުގެ އިތުރުން ރ.އިނގުރައިދޫ ،ކީސްވިލާ މުހައްމަދު ސައުޒަމްއެވެ.

އެނަންތަކުގެ ތެރެއިން އަސްލަމަކީ މިހާރުގެ ބްރޮޑްކޮމްގެ ނައިބްރައީސެވެ. އަދި އަމްޖަދަކީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ބޭފުޅެކެވެ.

މިއަދު މަޖިލީހަށް ރައީސް ފޮނުއްވެވި ނަންފުޅުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ އަމްޖަދު ވަހީދުގެ ނަމެވެ. ދެވަނައިގައި މުހައްމަދު ޝަމީމްގެ ނަން އޮތް އިރު ތިން ވަނައިގައި އޮތީ މުހައްމަދު ސައުޒަމްގެ ނަމެކެވެ. ބްރޮޑްކޮމްގެ ނައިބްރައީސް އަސްލަމްގެ ނަން ހިމަނުއްވާފައިވަނީ ހަތަރު ވަނައިގައެވެ

މިއަދުގެ މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފޮނުއްވެވި ނަންތައް އިތުރަށް ދިރާސާކުރުމަށް ވަނީ ކޮމެޓީއަށް ފޮނުވާފައެވެ.

ބްރޮޑްކޮމްއަށް މެންބަރަކު އައްޔަނުކުރަން ރައީސް އަބްދުﷲ ޔާމީން ނަންތަކެއް ފޮނުވާފައިވަނީ 2013 ވަނަ އަހަރު ބްރޮޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރެއްވި ބްރޮޑްކޮމްގެ މިހާރުގެ ނައިބް ރައީސް މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީއެވެ.

މިއަދުގެ މަޖިލީހުގައި ބްރޮޑްކޮމްއަށް މެމްބަރަކު އައްޔަނުކުރެއްވުމަށް ނަންތަށް ދާއިމީ ކޮމިޓީއަށް ފޮނުވާފައިވާއިރު މި ހަފްތާ ފާހަގަވެފައި އޮތީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރެވުނު ހަފްތާއެއްގެ ގޮތުގައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އިއްޔެ މަޖިލީހުގައި ފާސްކުރެވުނު އެންޓި ޑިފެކްޝަން ބިލް އަދި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު މަޖިލީހަށް ހުށައެޅި އެންޓި ޑިފެކްޝަން ބިލަކީ މަޖިލީހަށް އިންތިހާބުވި ޕާޓީ ދޫކޮށް އެހެން ޕާޓީއަކާއި ގުޅިއްޖެ ނަމަ އެމެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ހުށައެޅިފައިވާ ބިލެކެވެ. އެ ބިލްގެ ބަހުޡް މަރުހަލާ ނިންމައި އިއްޔަގެ މަޖިލީހުން 36 މެންބަރުންގެ އިއްތިފާގުން އެބިލްވަނީ ފާސްކުރެވިފައެވެ.

އަދި އިއްޔެ މަޖިލީހުން ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނެވުމުގެ ގޮތުން ޕީޕީއެމްގެ ނައިބްރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހުށައެޅި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނެވުމުގެ ބިލްވެސް މަޖިލީހުންވަނީ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. އެބިލް ފާސްކުރެވުނީ ކޮމިޓީ މަރުހަލާގައި އެބިލް ދިރާސާކޮށް ގެނެވުނު އިސްލާހާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ރައްޔިތުންގެ ޙަޤުގައި ބޮޑަތި މަސައްކަތްތަކެއް މަޖުލިހުގައި ކުރެވެމުންދާއިރު ، އެއްވެސް މަސައްކަތެއްގައި ބައިވެރިނުވެ ޙަލާލު ނޫން މުސާރައެއް ނަގައި ކައިގެން ތިބި ބަޔަކަށް ހަލާކުހުއްޓެވެ. ޙަލާލުނޫންގޮތުގައި ތިމާގެ ހަށިގަނޑުގެތެރެޔަށް ފޮނުވާލެވޭ ކޮންމެ އެއްޗަކީ އަލިފާނެވެ.

  2. ހާމިދު ދާއީ

    ތިޔައިގެ ތެރެއިން ދާއިރާއާ ގުޅޭ ތަޖްރިބާއާއި، ތަޢުލީމީ ގޮތުން އެންމެ ގާބިލު ބޭފުޅަކު ހުންނެވީ. އެއީ، މިހާރުގެވެސް ނައިބް ރައީސް އަސްލަމް. އިންސާފުވެރިކަމާއެކު މިކަން މަޖްލިސް މެމްބަރުން ނިންމަނީނަމަ ވޯޓު ލިބެންވާނީ އަސްލަމަށް. އެހެނީ އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވާ އެދާއިރާއަށް ހިދުމަތް ކުރެއްވުމުގެ އިތުރުން، ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މުދައްރިސެއްކަމަށްވެސް ވާތީ..!