ލ.ފޮނަދޫ ކައުންސިލް އާއި ލާމު ފާމާސް ޑިވެލޮމްމެންޓް ކޯޕަރޭޓިވް ސޮސައިޓީ ގުޅިގެން ލ.ފޮނަދޫގައި ކުނި އުކަމުންދާ އަގަށް ބަދަލުތަކެއް ގެނެސްފިއެވެ.

ލާމު ފާމާސް ޑިވެލޮމްމެންޓް ކޯޕަރޭޓިވް ސޮސައިޓީ އިން ފޮނުވާފައިވާ ނޯޓިސްއެއްގައި ބުނެފައިވަނީ އެ ސޮސައިޓީއިން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދާނުކޮށް ކުރިޔަށް ގެންދިއުމަށްޓަކައި މިހާރު އެކުންފުނިން ނަގަމުން އަންނަ ފީއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މިބަދަލާއެކު ގޭބިސީތަކުން މީގެ ކުރިން ނަގަމުން ދިޔަ ފީއަށްވުރެ 60 ރުފިޔާ އިތުރު އަދަދެއް ނެގުމަށްވަނީ ނިންމާފައެވެ. މިހާރު ގޭބަސީއަކުން ނަގަމުން އަންނަނީ 140 ރުފިޔާއެވެ. އަދި މިފެށުނު ޑިސެންބަރު މަހުން ފެށިގެން ކޮންމެ މަހަކު 200 ރުފިޔާ ނެގުމަށްވަނީ ނިންމާފައެވެ.

ކުނި އުކައިދޭ އަގަށް ގެނައި ބަދަލާއިއެކު ފޮނަދޫގެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. މިގޮތުން "ވަގުތު" އަށް މަޢުލޫމާތު ފޮނަދޫ އިން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ، ފޮނަދޫގައި ކުނި މެނޭޖް ކުރާ ފަރާތްތަކުން އެކަށީގެންވާ މަސައްކަތް ތަކެއް ނުކުރާ ކަމަށާއި އަދި ކުނި އުކަމުން ދަނީ އެކަމަށް އެކަށީގެންވާ އުޅަދެއްގައި ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުނި އުކާލާ ވަގުުތު މަގު މަތިން ވަސް ދުވާ ކަމަށްވެސް އެފަރާތުން ބުނެފައިވައިވެވެ.

"އެމީހުން ދޭ ޚިދުމަތަށް ބަލާއިރު ބުނެލަން އޮތީ ވަރަށް ދަށްކޮށޭ ދަނީ. ހުކުރު ދުވަހު ކުނި އުކައިދެނީ ކީ ނޫން. ކޮންމެ ދުވަހަކުވެސް ކުނި އުފެދޭނެ ދޯ ގޭގަ. އަނެއްކާ ކުނި އުކަން މިގެންގުޅެނީ އާދައިގެ ލޮރީއެއް. މަތި ހުސްކޮށް އޮންނަ. ލޮރީ ދާއިރު ނޯއް ދަމާލަން ނުކެރޭ." ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް މަޢުލޫމާތު ދެމުން އެމީހާ ބުނެފައިވެއެވެ.

ފޮނަދޫގައި ލ.ފޮނަދޫ ކައުންސިލް އާއި ލާމު ފާމާސް ޑިވެލޮމްމެންޓް ކޯޕަރޭޓިވް ސޮސައިޓީ ގުޅިގެން ކުނި މެނޭޖް ކުރަމުން އަންނަ ތާ މިހާރު 2 އަހަރަށްވުރެ ގިނަ އަހަރު ވެއްޖެއެވެ.