އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޖާމީ ހަންތު ވިދާޅުވީ އިނގިރޭސިވިލާތުން އަހަރަކު ލައްކަ އަކަށްވުރެ ގިނަ މީހުން ރާއްޖެ ޒިޔާރަތްކުރާ ކަމަށެވެ. އަދި ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުރުން މުހިންމުކަމަށްވެސް ވިދާޅުވިއެެވެ.

ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމަށް ނިންމެވި ނިންމެވުމަށް ދިވެހި ސަރުކާރުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އެކަމަށް މަރުހަބާ ވިދާޅުވެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މިއީ ދެގައުމުގެ ގުޅުމަށް އެޅުން ބަދަހި ކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި، ވިޔަފާރި އަދި އިގްތިސާދަށްވެސް އޭގެ އެދެވޭ އަސަރުތައް ކުރާނެ ކަމަށެވެ.

އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރ ދެއްވާފައެއް ނުވެއެވެ.

ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވަން ނިންމިއިރު، ރާއްޖެއިން އިނގިރޭސިވިލާތަށް ދާ މީހުންނާއި ދެގައުމު ދެމެދު ކުރަންޖެހޭ ޑިޕްލޮމެޓިކް މަސައްކަތްތައް މިހާރު ކުރަމުން ގެންދަނީ ސްރީލަންކާގައި ހުންނަ އިނގިރޭސި އެމްބަސީ އިންނެވެ.