ރާއްޖޭގައި ގާނޫނީ ހަމަތަކެއް ނުހިނގާ ކަމަށް ކިތަންމެ ބޮޑު ގާނޫނީ ބޭފުޅެއް ނަމަވެސް ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު މިއަދު ވިދާޅުވެއްޖެއެވެ.

އާމިރު މިހެން ވިދާޅުވީ، ރޭ ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގައި ގާނޫނީ ހަމަތަކެއް ނުހިނގާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކަންތައްވެސް ހިނގަމުން ދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ވިދާޅުވުމުން އެކަމާ ގުޅިގެން "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

"އަޅުގަނޑަށް އެނގޭ އެއްޗަކީ ގާނޫނީ ފުންނާބު އުސް ބޭފުޅުން އަމިއްލައަށް އެހެން ކަނޑައެޅުމުގެ ހަމަތަކެއް ނޫންކަން ދުސްތޫރުގައި ބަޔާންކޮށްފައި އޮތީ. ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖިލީސް ކަމަށްވެފައި ގާނޫނު އަސާސީ އެންމެ ފަރިތަ އެއް ބަހަކަށް އެބަ ދަނޭ، ރައްޔިތުންގެ މަޖިލީހުންވެސް ހަމަ ހިލާފު ކަމެއް ނިންމަފާނެ ކަމަށް." އާމިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުންވެސް ގަވާއިދާއި ހިލާފަށް ކަމެއް ކޮށްފި ނަމަ އެކަމަށް ބަސް ބުނާނެ ފަރާތެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އެއީ އެއްވެސް އެހެން މީހަކަށް އެކަމުގައި ގޮތެއް ނިންމޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އެ ބަސް ބުނެފި ނަމަ ދެން ބަސް ބުނާނެ ފަރާތެއް އެއޮތީ ބަޔާން ކުރެވިފައި. އެހެންވިމާ ކިތަންމެ ބޮޑު ގާނޫނީ ބޭފުޅެއް ކަމަކު އަމިއްލައަށް އެކަން ކަނޑައަޅައި ނިންމުމުގެ އެ ލައިސެންސް ދީފައި ހުރި މީހަކު ދިވެހި ރާއްޖޭގައި ހުރި ކަމަށް އަޅުގަނޑު ހަމަ ޔަގީނުންވެސް ނުދެކެން." އާމިރު ވިދާޅުވިއެވެ.

ރާއްޖޭގައި ގާނޫނީ ހަމަތަކެއް ނުހިނގާ ކަމަށް ޑރ. ޖަމީލު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން އާމިރު ވިދާޅުވީ އެއްގޮތަކަށްވެސް ރާއްޖޭގައި ހިނގާ ކަންކަމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ހިނގާ ކަންކަމޭ ބުނެވުމުގެ ހައްގު އެއްވެސް ފަރާތަކެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ދިވެހި ރާއްޖޭގައި ހިނގާ އެއްވެސް ކަމަކީ ގާނޫނާއި ގަވާއިދުގެ ތެރޭގައި ހިނގާ ކަމެއް ނޫނެކޭ ދެންނެވުމުގެ ހައްގު ދިވެހި އެއްވެސް ރައްޔިތަކަށް އަދި ފުންނާބު އުސް ބޭފުޅަކަށް ލިބިގެންވާ ކަމަށް އަޅުގަނޑު ނުދެކެން." އާމިރު ވިދާޅުވިއެވެ.

މިހާރު އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ.ޖަމީލަކީ މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅުގައި މިހާރު ތިއްބެެވި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދު ވެރިކަމަށް އިންތިހާބުވި ނަމަވެސް ވެރިކަން ހަވާލު ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި ނަޝީދު ދިގު މުައްދަތަކަށް ޖަލަށް ލާނެ ކަމަށް ޑރ.ޖަމީލު ވައުދު ވެސް ވިއެވެ. ޑރ.ޖަމީލް މިސަރުކާރުގައި ހުންނަވައިގެން ވަނީ އެވައުދު ފުއްދަވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު