މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އިންތިޚާބީ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މިހިނގާ ޑިސެމްބަރ މަހުގެ 27 ގައި އެމްއެފްއޭގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އެ އެސޯސިއޭޝަނަށް އެންމެ ފަހުން އިންތިޚާބުކުރި އެކްސްކޯގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ. މީގެ މަހެއްހާ ދުވަސް ކުރިން އެމްއެފްއޭގެ އާއްމު ބައްދަލުވުމަކުން އައު އެކްސްކޯ އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފަސް މެންބަރުންގެ ކޮމިޓީއަކާއެވެ.

އިންތިޚާބުގެ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ އިންތިޚާބީ ކޮމިޓީގައޮ ތިއްބަވަނީ، މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އާއި، ފިލްމީ ތަރި މުޙައްމަދު ރަޝީދު (ދަރާ) އާއި، އިބްރާހީމް ރަޝީދު (ބުރޯ) އަދި ނިޝާންގެ އިތުރުން ކަޅުއޮށް ނަޝީރެވެ.

މިއަދު އެމްއެފްއޭގެ އެކްސްކޯއަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ހަތް މަޤާމުގެ ތެރޭގައި ހިމެނެނީ، އެމްއެފްއޭގެ އެކްސްކޯގެ ޗެއާ، ވައިސް ޗެއާ، ހަޒާންދާރު އަދި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ތިން މެންބަރުންނެވެ. އެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ކުރިމަތިލުމަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނީ އިންތިޚާބީ ކޮމިޓީގެ މެންބަރުންގެ އަތުންނެވެ.

އެމްއެފްއޭގެ އައު އެކްސްކޯ އެކުލަވާލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ވޭތުވެދިޔަ ދައުރުގައި، ފިލްމީ ދާއިރާ ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް އެ އެސޯސިއޭޝަނަށް ކުރެވިފައި ނުވާތީ ދާއިރާގެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކްސޯގެ ކަންކަމަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ޕެޓީޝަނެއްވެސް ހުށަހަޅާފައިވެއެވެ.

އެމްއެފްއޭގެ ގެ ނިމިދިޔަ އެކްސްކޯގެ ޗެއަރމަން އަކަށް ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. އަދި ވައިސް ޗެއާމަނަކަށް ހުންނެވީ އެކްޓަރު އަބުދުﷲ (މުއާ) މުއާޒެވެ. އޭރު އެކްސްކޯގައި ތިއްބެވީ އެކްޓަރ މުޙައްމަދު މަނިކާއި، ނެށުންތެރިޔާ ޖާދުﷲ (ޖާދު) އާއި، ހުސައިން ނޫރައްދީ (ނޫރު) އަދި އެކްޓަރު ޢަބްދުﷲ މާހިރު (މާއްޓޭ) ގެ އިތުރުން އެކްޓަރު އިބްރާހީމް ރިޔާޟްއެވެ.

އެމްއެފްއޭގެ އައު އެކްސްކޯގެ އިންތިޚާބު އަމާން އޮމާންކަމާއެކު ކުރިއަށް ގޮސް، އައު އެކްސްކޯ އެކުލަވާލެވުމާއެކު، ދިވެހި ފިލްމީ ދާއިރާ ކުރިއަރުވަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުމަކީ ދިވެހި ފިލްމު ބެލުންތެރިންގެ ނުހަނު ބޮޑު އުއްމީދެކެވެ.