ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށްފިއެވެ.

މުހައްމާ ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުވެވަޑައިގަތުމުގެ ކުރިން މިދިޔަ އާދިއްތަ ދުވަހު އޭނާ ހައްޔަރުކޮށް އޭނާގެ ފޯން އަތުލާފައިވެ އެވެ.

މުހައްމާ މިއަދު ހާޒިރު ކުރީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ އިދާރާތަކުގެ މުވައްޒަފުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅާ އެމުވައްޒަފުންގެ ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ކަންތައްތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރާ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންގެ އިދާރާއަށް މުހައްމާ ހާޒިރުވީ މިއަދު ހެނދުނު 10:30 ގައި އެވެ. މުހައްމާ ވިދާޅުވީ ފުލުހުން ކުރަމުންދާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ސިޔާސީ ތުހުމަތުތަކެއް ކަމަށެވެ.

" ހައްޔަރުކޮށް މަޖިލީހުގެ ގޮނޑި ގެއްލުވާލި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް އަޑުއުފުލުން ހުއްޓާނުލާނަން " މުހައްމާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ފުލުހުން ވަނީ މުހައްމާ ހައްޔަރުކޮށްފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަނިކު

    މުހައްމާ ސިޔާސީމީހުނަށްކުުރެވޭނީ ސިޔާސީތުހުމަތުކަން ކަލެއަށްނޭގެނީތަ ތިހިރީހަމަހޭގަތަ