ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް - ފޮޓޯ: މިހާރު

ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް (ހާމިދު ސޭޓް) ހައިކޯޓަށް ހާޒިރުވުމުގެ ޗިޓު ހަވާލު ކުރެވިފައި ނުވާތީ، އޭނާ ކޯޓަށް ހާޒިރު ނުކުރެވުމުން އެ ކޯޓުން ބަލަމުންދިޔަ އިސްތިއުނާފު މައްސަލައިގައި މިއަދުވެސް ހުކުމް އިއްވޭ ގޮތެއް ނުވިއެވެ.

ހައިކޯޓުން ބަލައި މިއަދު ހެނދުނު 10:00 ގައި ހުކުމް އިއްވުމަށް ހަމަޖެހިފައި އޮތީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި ހާމިދު އިސްމާއިލްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގައެވެ.

ހާމިދުގެ ފަރާތުން ހައިކޯޓުގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަސްތެރޭގައެވެ. ޅ.މާބިންހުރާ ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި މައްސަލާގައި ހާމިދު ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ހައިކޯޓުން ނިންމާލާފައިވާއިރު، މިއަދު ހެނދުނު ހުކުމް ކުރުމަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ހާމިދު އިސްމާއީލަށް ޗިޓް ހަވާލު ނުކުރެވުމުގެ ސަބަބުން ކަމަށް ހައިކޯޓުން ވިދާޅުވިއެވެ. ހާމިދު ހާޒިރު ނުވުމުގެ ސަބަބުން ހުކުމް ކުރުން މިއަދުވެސް ފަސްކުރިއިރު ހާމިދު ކޯޓަށް ހާޒިރު ނުވުމުން އިއްޔެވެސް މި މައްސަލައިގައި ހުކުމް އިއްވޭގޮތް ވަނީ ނުވެފައެވެ.

އަދީބުގެ އެންގުމަކަށް ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވީ ޒިޔަތެވެ. ޗެކާ ހަވާލުވުމަށް ފަހު އެ ޗެކް ޖަމާކުރީ ހާމިދުގެ ކުންފުންޏެއްގެ އެކައުންޓަކަށެވެ. ހާމިދަށް ދެ އަހަރުގެ ހުކުމެއް އިއްވިޔަސް ޒިޔަތާއި އަދީބަށް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެވެ.

ހާމިދުގެ މައްސަލައިގައި ހުކުމާ ހަމައަށް ވާސިލުވެފައިވާއިރު އަދީބުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ތާވަލުކުރި ނަމަވެސް، އަދީބުގެ ޞިއްޙީ ޚާލަތު ހުރިގޮތުން އާއިލާއިން އެދިގެން ކެންސަލް ކޮށްފައިވާތީ ޝަރިއަތް ވަނީ ފެށޭގޮތް ނުވެފައެވެ.

ހާމިދުގެ އިސްތިއުނާފު މައްސަލައިގައި ހުކުމް އިއްވަން ތައްޔާރުވެފައިވާއިރު، ހުކުމް ތަންފީޒުކޮށް ނިމި ހާމިދު މިހާރު ވަނީ މިނިވަން ވެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކަމަށް ނިންމައިފިނަމަ އެކަން ވެގެންދާނީ ހާމިދަށް ލިބޭ ކާމިޔާބަކަށެވެ. އަދި ބަދަލު ހޯދަން ދައުވާ ކުރުމުގެ ފުރުސަތު ވެސް އޭނާ އަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައިކޯޓުން ކޮންކަމަކާއި ހުރެގެންތޯ މިކަމުމުގައި މިހާވަރަކަށް އެ ތެޅިބާލަނީ؟ ކޮންމެސް ކަމެއް އަވަހަށް ފޮރުވަން ނުވަތަ ކޮންމެވެސް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ނޫނީ މިވަރަކަށް ނިތެޅޭނެ.