އޭޑީކޭ އިން މިރޭ ހުޅުވި ސެންޓަރު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
އޭޑީކޭ ހޮސްޕިޓަލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ކުއްލި ޚާލަތްތަކުގައި ޞިއްޙީ ފަރުވާގެ ޚިދުމަތް އަވަސް ގޮތެއްގައި ފޯރުކޮށްދިނިމަށްޓަކައި، ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އެމަޖެންސީ ކެއަރގެ ވަރުގަދަ ނިޒާމެއް ޤައިމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، ދިވެހި ރައްޔިތުންގެ އުއްމީދުތައް ހުރީ ވަރަށް މަތީގައި ކަމަށާއި، ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިގަންނައިރު، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ބަރާބަރަށް ލިބުމުގައި ވަރަށް ގިނަ ދަތިތައް ހުރިކަން ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލަސް ފޯރުކޮށްދިނުމުގެ އިތުރުން އެމަޖެންސީ ކެއަރގެ ވަރުގަދަ ނިޒާމެއް ރާއްޖޭގައި ޤާއިމު ކުރުން" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެމަޖެންސީ ކެއަރގެ ނިޒާމް ޤާއިމު ކުރެވިގެންދާއިރު، ނެޝަނަލް އެމްބިއުލަންސް ޚިދުމަތްވެސް ޤާއިމު ކުރެވިގެންދާނެ ކަމަށެވެ.

"ނެޝަނަލް އެމްބިއުލަންސް ޚިދުމަތަކީ އެއް ނަންބަރަކަށް ގުޅާލީމަ ރައްޔިތުން ބޭނުންވާ އެމްބިއުލަންސްގެ ޚިދުމަތް ފުރިހަމައަށް ފޯރުކޮށްދެވޭނެ ނިޒާމެއް. އަދި ކުއްލި ފަރުވާ ދެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރެވޭނެ. ތަމްރީނާއި، ވަސީލަތް ޤާއިމުކުރެވިފައިވާ ކުއްލި ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ޤާއިމު ކުރުމަށްޓަކައި މަސައްކަތް ކުރެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކީ ކޮންމެ ދުވަހަކު، ބަރާބަރަށް ކުރުމަށް އިސްކަން ދޭންޖެހޭ ކަމެއް ކަމަށާއި، ރާއްޖޭގެ އަތޮޅުތަކުގެ ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތަކެއް ކުރަންޖެހޭކަން ދަނެހުރެ އެކަންކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ޚާއްޞަކޮށް ރަށްރަށުގެ ޞީއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ފެންވަރާއި، ޚިދުމަތް ފޯރުކޮށްދެވޭ ތަންތަނުގެ ދަތިކަމާއި އަދި ވަސީލަތްތައް މަދުކަމާއި، އަދި ދުވަހުން ދުވަހަށް ލިބެންޖެހޭ ބޭހާއި ފަރުވާ ފޯރުކޮށްދިނުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި." މިނިސްޓަރު ވިދާޅުވިއެވެ.

އެމަޖެންސީ ކެއަރގެ ވަރުގަދަ ނިޒާމެއް ޤާއިމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއިރު، ޞިއްޙީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރު ވަނީ އަމާޒު ހިފާފައެވެ. އެގޮތުން ބަލާއިރު ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ނަފްސާނީ ބަލުތަކަށް ފަރުވާދިނުމަށް "މެންޓަލް ހެލްތު އިންސްޓިޓިއުޓް" ޤައިމު ކުރައްވާނެ ކަމަށާއި، ދިވެހި ބޭއްވެރިކަން ކުރިއެރުވުމަށް މަހާސިންތާއެއް ބާއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ، ފެންވަރު ރަނގަޅު، ޚަރަދު ކުޑަ އަދި އަވަސް ޚިދުމަތްދެވޭ ނިޒާމަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ - ލާމް ގަން

    ރީޖަލަން ހޮސްޕިޓަލްތަކުގައި އަލްޓްރާ ސައުންޑް ސްކޭން ހިދުމަތް ދޭން ފަށާނީ ކޮންދުވަހަކުން

  2. ޔާމީން ހަދާފަހުރި ތަންތަން ނަންބަދަލު ކޮށްލާފަ ހުޅުވައިގެން މެޑަލް ޖަހަނީ