އިއްޔެ މާލެޔަށް ވެހުނު ބޯ ވާރޭގައި މާލޭގެ ގެތަކުގައި ދިރިއުޅުނު އާއިލާތަކަށް ގެއްލުންތަކެއް ލިބިފައިވާތީ އެއާއިލާތަކަށް އެހީތެރިވުމުގެ ގޮތުން ޔުނިވާރސަލް އެންޓަޕްރައިޒެސް ލިމިޓެޑުން ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މިފައިސާގެ އެހީ ހަވާލުކޮށްފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ފައިސާއާ ހަވާލުވެ ވަޑައިގެންފައިވަނީ މިނިސްޓްރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މާރިޔާ އަޙްމަދު ދީދީއެވެ.

ފައިސާއާ ހަވާލުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، މިފަދަ ގޮތަކަށް ފައިސާ ދޭ ފަރާތްތަކަށް މީޑިޔާތަކަށް ހާމަ ކުރަމުން ދަނީ، ފައިސާ ދިނީ ކޮން ބައެއް ކަމާއި ދިނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމަށެވެ. އަދި ކުއްލިއަކަށް ދިމާވާ މިފަދަ ކަންކަމުގައި ކުރު މުއްދަތާއި ދިގު މުއްދަތުގައި ވެސް ކުރަން ޖެހެނީ ބޮޑު ހަރަދެއް ކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާލުވިއެވެ.

މީގެ އިތުރުން ގިނަ ފަރާތްތަކުން ފައިސާގެ އެހީ ދިނުމަށް ހުށަހަޅަމުން އަންނަ ކަމަށާއި، ލިބުނު ފައިސާގެ ތަފްސީލާއި ޚަރަދު ކުރި ގޮތުގެ ތަފްސީލު ފަހުގެ ތާރީޚެއްގައި އިޢުލާނު ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިއްޔެ މާލެއަށް ވެހުނު ވާރޭގައި ގެއްލުން ލިބުނު ގެތަކަށް ލިބުނު ގެއްލުންތައް ދިރާސާކޮށް އެމަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންދަނީ ކުރަމުންނެވެ.