ހައިކޯޓުގެ ކުރީގެ ރެޖިސްޓްރާ ހަސަން އަލީ ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމެވީ މެންބަރުންގެ އިއްތިފާގުން ކަމަށް ޖޭއެސްސީއިން ވިދާޅުވެއެވެ.

އެގޮތުން ހަސަން އައްޔަން ކުރަން ނިންމީ މިހާރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމުގެ ތެރެއިން މަގާމަކަށްވާއިރު އެ ބެންޗްގައި އިތުރު ދެ މަގާމެއް އަދިވެސް ހުސްކޮށް އެބައޮތެވެ. ނަމަވެސް ޖޭއެސްސީން އަދި އެ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައެއް ނާޅައެވެ.

ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުން ކުއްލި ގޮތަކަށް ހަސަން އަލީ މިދިޔަ އަހަރު ވަކިކޮށް އާސަންދަ ކޮމްޕެނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި އެވެ.

އަދި އެއަށް ފަހުންވެސް އެ މަގާމުން ވަކިކޮށް، މިހާރު ހަސަން އަލީ ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު