ފުލުހުންނާއި ގުޅޭގޮތުން ހަޤީޤަތެއްނެތް ވާހަތަކެއް ދައްކައި އިދިކޮޅު ވަކީލުން މަސައްކަތްކުރަނީ ފުލުހުން ބަދުނާމު ކުރުމަށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ފުލުހުން ވިދާޅުވީ، ފުލުހުންގެ ބަންދުގައިވާ ފަރާތްތަކާއި ޤާނޫނީ ވަކީލަކު ބައްދަލު ކުރެއްވިއިރު، ބައްދަލުވުން ބޭއްވުނު ތަނުން ރެކޯޑިންގް ޑިވައިސްއެއް ފެނުނު ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކައިގައި ހަޤީޤަތެއް ނެތްކަމަށެވެ.

އަދި އެވާހަކައަކީ ފުލުހުން ބަދުނާމު ކުރުމުގެ ނިޔަތުގައި ދެއްކެވި އަދި ދައްކަވަމުން ގެންދާ ވާހަކައެއް ކަމަށާއި، އެ ޝަކުވާ ލިބުމާއި ގުޅިގެން ފުލުހުން އެކަން ބަލަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ވަކީލުންނާއި، ބަންދުގައިވާ ފަރާތްތައް ބަންދު ކުރުމަށްފަހު ބައްދަލު ކުރުމަށް ހަމަޖެއްސިފައިވާ ތަނަކީ އެކަހެރި އަދި މިނިވަންކަމާއި އެކު ބައްދަލުވެވޭނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސިފައިވާ ތަނެއްކަން ފުލުހުން ޔަޤީންކޮށްދޭ ކަމަށެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައި މިވަނީ، ފުލުހުންގެ ބަންދުގައި ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލާއި ބައްދަލު ކުރެއްވި އިރު ގޮޑިކޮޅު ދަށިގައި ޓޭޕް ރިކޯޑާއެއް ހަރުކޮށްފައި ހުއްޓާ ފެނިއްޖެކަމަށް ވަކީލް ހިސާން ހުސެއިން ވިދާޅުވެފައި ވަނިކޮށެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށްޓަކައި ނޫސް ކޮންފަރެންސްއެއް ވަރަށް އަވަހަށް ބާއްވާނެކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތިމަންނަ

    ބަދުނާމް ؟؟ ފަލީހަތް ، އަބުރާ އިއްޒަތް ، އިޙްތިރާމް ، މިކަންކަން " ގެއްލުމުން" އަބުރާ ހޯދުމަކީ ވަރަށް އުދަގޫކަމެކެވެ.

  2. ފަޓާސް

    ގައުމޭ ގައުމޭ ކިޔަފަ ކަލޭމެން ލައްވާ ކުރަނީ ހުސް ގާނޫނާ ހިލާފު ކަންކަން ދެން އަމިއްލަ ސިކުޑިން ވިސްނާލީމަވެސް އިނގޭނެ ދޯ ވާނީ ބަދުނާމުކަން

  3. ނަވީން

    ތިވެރިން އިތުރައްވާނެ ބަދުނާމެއް ނެތް

  4. މަކަމެ

    ކެނެރީގޭ ނަޝީދު މި ޤައުމުގެ ސިފައިންނާ ފުލުހުންގެ އަގު ވައްޓާލި. ކުރީގެ ރައީސް މައުމޫނަށް ގޮވި ހުތުރު އެެއްޗެހި ދުވަހަކުވެސް ހިތުން ނުފިލާނެ. މި ޤއުމުގެ ޒުވާން ޖީލު ހަލާކު ކޮށްލި އަންނި. މުޒާހަރާގެ އައްޕަ އަންނި

  5. އަލްޖިބްރާ

    ކަލޭމެން އިތުރަށް ވާނެ ބަދުނާމެއް ، ފަޞީހަތެއް އެބައޮތްތަ ؟ ކަލޭމެންގެ އަބުރެއް ، އިއްޒަތެއް އެބައޮތް ތަ ؟