މި މަހުގެ ފަސްވަނަ ދުވަހު ވެރިރަށް މާލެއަށް އާދަޔާ ޚިލާފަށް ވިއްސާރަކޮށް، ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު ލިބުނު ގެތަކުގެ އަދަދު 196 އަށް އަރާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން، އެންޑީއެމްސީ އިން ވިދާޅުވީ ގެއްލުންތައް ލިބިގެން ރިޕޯތު ކުރި ގެތަކުގެ ތެރެއިން 52 ގެއެއްގެ އެސެސްމަންޓް ރިޕޯޓު ހަދާ ނިންމާލެވިފައިވާކަމުގައެވެ. އަދި، އިތުރު ގެތަކުގެ އެސެސްމަންޓް ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

އެންޑީއެމްސީ އިން އިތުރަށް ވިދާޅުވީ އެންމެ ގިނަ ގެތަކުން ރިޕޯޓު ކޮށްފައިވަނީ ހިފާ ގެންގުޅޭ ތަކެއްޗަށާއި ކަރަންޓު ސާމާނަށް ގެއްލުން ލިބިގެންކަމަށެވެ. އަދި، ގެއްލުން ލިބުނު ގެތަކުގެ ލިސްޓަށް ބަދަލެއް ނާންނަކަމުގައިވާނަމަ އެސެސްމަންޓުގެ ކަންކަން މިރޭ ނިންމާ، ބަދަލު ދިނުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އެސެންޓަރުން ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ އާއިލާވެސް އަނބުރާ އެފަރާތްތަކުގެ ގެއަށް ގޮސްފައިވާކަމުގައެވެ. އަދި، އެފަރާތްތައް ގެއަށް ގެންގޮސްފައިވަނީ ގޭގޭގައި ރަނގަޅު ކުރަން ހުރި ނަރުދަމާގެ ބައެއް ކަންކަން ރަނގަޅުކޮށް، އެތަންތަނަކީ އެންމެ ރައްކާތެރި ތަންތަންކަމަށް ބަލާފައިކަމަށްވެސް އެންޑީއެމްސީ އިން ވިދާޅުވިއެވެ.

ބުދަ ދުވަހު ކުރި ވިއްސާރައިގައި މާލޭގެ ހުރިހާ މަގެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު