ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްއާ ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް ތަހުގީގުގައި ސުވާލުކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެންމެ ފުރަތަމަ ނަދީމް ހައްޔަރުކުރިއިރު ނަދީމްއަށް ކުރާ ތުހުމަތުތަކާ ގުޅިގެން މިއަދު ފުލުހުން ތަހުގީގު ހިންގާފައިވާކަން ވަކީލުން ކަށަވަރުކޮށްދެއެވެ.

އެހެން ނަމަވެސް އެ ތަހުގީގަކީ ޣައިރު ގާނޫނީ ތަހުގީގެއް ކަމަށް ވިދާޅުވެ ނަދީމް ތަހުގީގަށް އެއްބާރުލުން ނުދެއްވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކުރި ނަދީމް ހައްޔަރުކުރިފަހުން މިހާރު މަހެއްހާ ދުވަސްވެއްޖެ އެވެ.

މި ތުހުމަތުގައި ނަދީމްގެ އިތުރުން ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބޭފުޅުންނާ ދެކޮޅަށް ކަޅު ފޮއްޓަކުން ހެކި ލިބިފައިވާއިރު، ރައީސް މައުމޫން ހެކި ނައްތާލަން އުޅުއްވި ކަމަށް ބުނެ ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.