ހޮންކޮންގުގެ ކުންފުންޏަކުން އދ. ރަންވެލި އައިލެންޑު ރިޒޯޓު ގަނެ، ރީބްރޭންޑްކޮށްގެން އަންނަ އަހަރު ހުޅުވަން ނިންމައިފި އެވެ.

އެ ރިޒޯޓު ގަނެފައިވަނީ ހޮންކޮންގުގެ އޭޝިއާ ޕްރެސްޓީޖް މެނޭޖްމަންޓް (އޭޕީއެމް) ކުންފުނިންނެވެ. ރިޒޯޓު ރިބްރޭންޑު ކުރަން ނިންމާފައިވަނީ "ޒާޒް އައިލެންޑް ރިސޯޓު"ގެ ނަމުގަ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ރަށް ގަނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތޭރޭގައި ކަމަށެވެ. އަދި މިއީ އޭޝިއާގެ ބާޒާރުތަކުގައި އޭޕީއެމްގެ ޒާޒް ބްރޭންޑު ވަރުގަދަ ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެކުންފުނިން ބުންޏެވެ. ނަމަވެސް ރަންވެލި ރިޒޯޓު ގަތް އަދަދެއް ހާމަ ކޮށްފައި ނުވެއެވެ.

މާލެއިން 25 މިނެޓު ތެރޭގައި ސީޕްލޭނުގައި ދެވޭ އެ 100 ވިލާގެ އެ ރިޒޯޓު ހިންގަން ނިންމާފައި ވަނީ ހޮންކޮންގުގެ ޔުނިކޯން ހޮޓެލްސް އެންޑް ރިސޯޓު ކިޔާ ކުންފުންޏަކާ ގުޅިގެންނެވެ. ރަންވެލި އަލުން ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ދެވަނަ ކުއާޓާގައެވެ.

އޭޕީއެމް ކުންފުނީގެ ރިޒޯތުތަކާއި ހޮޓާތައް ތައިލެންޑު ވިއެޓްނާމް އަދި ކެމްބޯޑިއާގައިވެސް ހުރެއެވެ.