މި މަހުގެ ފަސްވަނަ ދުވަހު މާލެއަށް ކުރި ބޯ ވިއްސާރައިގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގެ ޙާދިސާތަކުގައި ގެތަކަށް ލިބުނު ގެއްލުމުގެ އަދަދު މިހާތަނަށް 1.2 މިލިއަން ރުފިޔާ އަށް އަރާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

އެންޑީއެމްސީން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެސެންޓަރުގެ ޕްރޮޖެކްޓް މެނޭޖަރ، ހިސާން ހަސަން ވިދާޅުވީ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން މިހާތަމަށް އެސެސްކޮށް ނިމިފައިވަނީ 170 ގެއެއްކަމަށެވެ. އަދި، އެގެތަކުގެ މައުލޫމާތު ސިސްޓަމަށް އެންޓާކުރުމުން، ލިބުނު ގެއްލުންތަކުގެ އަދަދު 1.2 މިލިއަނަށް އަރާކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ ގެއްލުން ލިބުނު ގެތަކަށް ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ ފަރާތުން ފޯރުކޮށްދިން މާލީ އެހީތެރިކަމާއި ރިލީފް އެހީގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމުގައެވެ.

މީގެއިތުރުން، އޭނާ ފާހަގަކުރެއްވި ގޮތުން އެއް ގެއަކަށް ޖަންކްޝަނުގައި ހުރި ފެން ގޮސް، އެގޭގައި ބޭނުންކުރާ ހުރިހާ އެއްޗަކަށް ގެއްލުން ލިބުނުކަމުގައެވެ. އަދި، ހައުސިންގ މިނިސްޓްރީގެ ޓީމެއް ގޮސް އެގޭގައި ހުރި ހުރިހާ އެއްޗެއް އުކާލާ، ތަން ސާފުކޮށްފައިވާކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ، އެންޑީއެމްސީ އާއި ރެޑް ކްރެސެންޓް އަދި ހެލްތު މިނިސްޓްރީގެ ޓީމެއް ގޮސް އެހީގެ ތަކެތި ފޯރުކޮށްދީފައިވާކަމަށްވެސް ހިސާން ވިދާޅުވިއެވެ.

އެދުވަހު މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ ހުރިހާ ސަރަޙައްދެއްގައި ފެންބޮޑުވެފައިވެސްވެއެވެ.