ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގައި އިސްލާމްދީން ރާއްޖޭގައި ދަމަހައްޓަން އަބަދުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ، އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން ޝަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖެ އިސްލާމްދީނުގެ މަގަށް އައީ ރަސްކަލެއްގެ ހިތްވަރުގަދަ ނިންމެވުމަކާއި، ޚިކުމަތްތެރި އަބުލްބަރަކާތުގެ ދަޢުވަތުގެ ސަބަބުންނާއި، ރާއްޖޭގެ ރައްޔިތުންގެ ހެޔޮ ވިސްނުމުގެ ސަބަބުންކަން ތާރީޚުން ހެކިދޭ ކަމަށެވެ.

"އިސްލާމްދީން ރާއްޖޭގައި ދަމަހައްޓަން ގިނަގުނަ މަސައްކަތް އަބަދުވެސް ކުރަންޖެހޭނެ" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، އިސްލާމްދީނުގެ ސަމާހާތްތެރި އުޞޫލުތަކާއި، ރިވެތި ސަގާފަތާއި، އަޚްލާޤު ދަމަހައްޓަން އެގޮތުގެ މަތީގައި ކުޑަކުދިންނާއި، ޒުވާނުން ތަރުބިއްޔަތު ކުރަންޖެހޭ ކަމަށެވެ.

"މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ އާއިލާތަކަށް، އެންމެ ފުރަތަމަ އާއިލާ، އެއީ މުޖުތަމައުގެ އަސާސް" ޝަހީމް ވިދާޅުވިއެވެ.

ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރައްވާފައިވަނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހު ކަމަށްވާއިރު، ކޮންމެ އަހަރެއްގެވެސް މިދުވަސް ފާހަގަކުރަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައެވެ.

މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަސް ދިވެހިންނާ ބައްދަލުކުރިއިރު، ރާއްޖޭގެ އިސްލާމީ ކުރިމަގާމެދު އެއްބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ. އަލަށް އެކުލަވާލި ސަރުކާރުން އިސްލާމްދީނުގެ ހުކުމެއް ކަމަށްވާ މަރަށް މަރު ނުހިފާނެ ކަމަށް ބުނެފައިވާތީ އެކަމާވެސް ދާދި ފަހުން ދިވެހިން އަޑު އުފުލާފައެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވާއިރު، ރާއްޖޭގައި އިތުރު ދީންތަކަށް ފުރުޞަތެއް ނޯވެއެވެ. އެކަން އެގޮތަށް އޮންނަ އޮތުން ބަދަލުކުރުމަށް ދޭރު ދުނިޔެއިން ތާއަބަދު ފިއްތުންތައް ފިއްތައެވެ. ބައެއް ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން އެކަން ބަދަލު ކުރުމަށް ސީދާ ދިވެހި ސަރުކާރަށްވެސް ހުށަހަޅާފައިވެއެވެ.

މި ސަރުކާރު ވެރިކަމަށް އައިސްފައިވަނީ ދިވެހިރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި، އިސްލާމީ ވަހުދަތު ނެގެހެއްޓުމަށް ބޮޑެތި ވައުދުތަކެއް ވެގެން، ކުރީގެ ރައީސް މަޢުމޫން އަދި އަދާލަތު ޕާޓީގެވެސް އެހީތެރިކަމާއެކުގައެވެ. ދުވަހުގެ މުނާސަބަތުގައި މަޢުމޫން ނެރުއްވި ބަޔާނުގައި ސަރުކާރުގެ އިސްލާމީ ސިޔާސަތު އަވަސް ކުރައްވައި، އެކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައިވެއެވެ.