އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ފަރާތުން މެންބަރުން ކުރިމަތިލައްވާނެ ކަމަށާއި ނަމަވެސް އެޕާޓީއިން ހުރިހާ ދާއިރާއަކަށް ކުރިމަތިނުލައްވާނެ ކަމަށް އެޕާޓީގެ މުސްތަޝާރު އިސްމާއިލް އާސިފް ވިދާޅުވެއްޖެއެވެ.

އެމްޓީޑީއިން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާސިފް ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ކަމަށާއި ނަމަވެސް އެއީ ކިތަށް ދާއިރާކަން މިވަގުތު ދަންނަވަން ދަތިކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ނުކުންނާނަން. އަޅުގަނޑުމެން މިހާރު ކުރަމުން މިގެންދާ މަސައްކަތަކީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް. އަޅުގަނޑުމެންގެ ނެތް ހުރިހާ ދާއިރާއަކަށް ކުރިމަތިލުމުގެ ކެޕޭސިޓީއެއް. އަޅުގަނޑުމެން މަޖިލީހުގައި ވާދަކުރާ ދާއިރާތައް ކަނޑައަޅާނީ ޕާޓީ ރަޖިސްޓްރީވުމަށް ފަހު" އާސިފް ވިދާޅުވިއެވެ.

އެމްޓީޑީ އަށް މިހާރު ވެސް 3000 ވުރެ ގިނަ މެންބަރުން ސޮއި ކޮށްފައި ވާއިރު ވަރަށް ގިނަ ޒުވާނުން އަންނަނީ އެ ޕާޓީއާއި ގުޅެމުންނެވެ.

އެމްޓީޑީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދިނުމުން އެޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި މެންބަރަކީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބެވެ.

އަންނަ އަހަރުގެ މާޗުމަހުގެ ތެރޭގައި އޮންނަ މަޖިލިސް އިންތިހާބަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީއިންވެސް ވާދަކުރައްވާއިރު އިދިކޮޅު ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުންވެސް އަންނަނީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެ ކަން ހާމަކުރައްވާ ކެމްޕޭން ކުރައްވަމުންނެވެ.

އެގޮތުން އެމްޑީޕީއިން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓިީ ޕީޕީއެމްއިން ވެސް ވަނީ މަޖިލިސް އިންތިހާބުގެ ޓިކެޓްތަށް އެޕާޓީގެ ބައެއް މެންބަރުންނާއި ހަވާލުކޮށްފައެވެ. ޕީޕީއެމް އިން ވެސް މަޖިލިސް އިންތިޚާބުގެ ހުރިހާ ދާއިރާ އަކަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ޖުމްހޫރީ ވަބާއިން މާމިގިލި ސަލާމަޔްކޮށްދީ ހެޔޮނުވާނެ. މިތިބަ ރޮލާ ކަނީ

  2. އަދީބު

    ބާވެގެން އެއްލާލާފައިވާ ގޮނޑި ގަނޑެއްވެސް ނުލިބޭނެ

  3. ާހައްވަ

    ތިޖެހުނީ ކަންތަކާ. ޢަނެއްކާ އަނެއްޕާޓީ. ބައި އެޅުމާ ފައިސާބެހުން ނުނިމޭނެ.