ބ.މާޅޮހުގައި މޫދަށް އެރި އުޅެނިކޮށް އޮޔާ 250 ފޫޓު ބޭރަށް ދަމައިގަތް ދެ ކުއްޖަކު ޒުވާނެއްގެ މަސައްކަތުން ސަލާމަތްކޮށްފި އެވެ.

މިއަދު ހަވީރު އިތުރު ކުދިންތަކަކާއި އެމު މޫދަށް އެރި އުޅެނިކޮށް އޮޔާ ބޭރަށް ދަމައިގަތީ ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ދެކުދިން ސަލާމަތް ކުރިއިރު އެއިން އެއްވެސް ކުއްޖަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މާޅޮހު ކައުންސިލްގެ މެމްބަރަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުދިން މޫދަށް އެރި އުޅުނު ސަރަހައްދަކީ އާންމު ގޮތެއްގައި އޮއި ބާރު ސަރަހައްދެއް ކަމަށެވެ.

ދެކުދިން އޮޔާއި ދަމައިގަތް ވަގުތު އެމަންޒަރު ފެނުނު ޒުވާނާ ވަނީ ވަރަށް ބުރަ މަސައްކަތުން ފަތާފައި ދެކުދިންގެ ކައިރިއަށް ގޮސްފައެވެ.

"ޒުވާނާ އަށް ދެ ކުދިންނާ ހަމައަށް ދެވެން ދެން، ހަގު ކުއްޖާ ގެނބުނަ ނުދީ ފެންމަތީގައި ގެންގުޅުނީ ދޮށީ ކުއްޖާ. ފަހުން ޒުވާނާ ގޮސް، އެ ކުދިން ހިފަހައްޓައިގެން ތިބީ،" އޭނާ ވިދާޅުވި އެވެ.

ދެކުދިން ސަލާމަތް ކުރީ ފަހުން އެސަރަހައްދަށް ޑިންގިއެއްގައި ބަޔަކު ގޮސް ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

ފަހަކަށް އައިސް ފުރާވަރު ކުދިން މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތުމުގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފައެވެ. މިއަހަރު ވެސް އެފަދަ ދެ ހާދިސާއެއްގައި ދެ ކުއްޖަކު ގެއްލި އިތުރު ކުއްޖަކު ނިޔާވެފައި ވެއެވެ.