ރާއްޖެ އިން އދ.އަށް ކަނޑައަޅާ ދާއިމީ މަންދޫބާއި ބައެއް އެހެން ގައުމުތަކަށް ކަނޑައަޅާ ސަފީރުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވައިފި އެވެ.

އދ.އަށް ކަނޑައަޅާ ދާއިމީ މަންދޫބާއި، އެމެރިކާ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ ތިލްމީޒާ ހުސައިން އެވެ. ބްރަސަލްސްގެ ސަފީރަކަށް ގ.ފިޔާތޮށިގޭ، ހަސަން ސޯބިރުއެވެ. އިންޑިއާގެ ސަފީރަކަށް ހ. ދޫރިހާ، އާއިޝަތު މުހައްމަދު ދީދީ އަދި ލަންކާގެ ސަފީރަކަށް ހ.ހިކިފިނިފެންމާގެ، އުމަރު އަބްދުއްރައްޒާގްގެ ނަންފުޅު ވަނީ ފޮނުއްވާފައެވެ.

ސިންގަޕޫރުގެ ސަފީރަކަށް ދަފްތަރު ނަންބަރު 4336، ޑރ. އަބްދުﷲ މައުސޫމް، ޖަރުމަނު ސަފީރަކަށް ހ. ސީވީޑް، އަހުމަދު ލަތީފް (ސީވިޑް ލަތީފް) އިނގިރޭސި ވިލާތުގެ ސަފީރަކަށް ހ.އަމީނީގެ، ޑރ.ފަރަހަނާޒް ފައިސަލް އަދި މެލޭޝިއާގެ ސަފީރަކަށް ހ.އާޒާދެވާދީ، ވިސާމް އަލީ އައްޔަން ކުރުމަށް ވެސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

އެބޭފުޅުންނަށް ރުހުން ދިނުމާއި މެދު މަޖިލީހުން ގޮތެއް ނިންމާނީ އެ ބޭފުޅުންގެ ނަން، ކޮމެޓީން ދިރާސާ ކުރުމަށް ފަހު މަޖިލީހަށް ރިޕޯޓް ހުށަހެޅުމުންނެވެ. އަދި އެ ބޭފުޅުންނަށް ރުހުން ދޭނީ މަޖިލީހުގެ ތަޅުމުގައި، ވަކިވަކިން ނެގޭ ވޯޓަކުންނެވެ.

ޖަރުމަނު ސަފީރަކަށް އައްޔަން ކުރަން ފޮނުވާފައިވާ ސީވީޑް ލަތީފަކީ އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެ އެވެ. އޭނާ ވަނީ އެމްޑީޕީގެ ވެރިކަމުގައި ޗައިނާގެ ސަފީރުކަން ކުރެއްވި ބޭފުޅެކެވެ.

އިނގިރޭސިވިލާތުގެ ސަފީރަކަށް އައްޔަން ކުރުމަށް ފޮނުވާފައިވާ ޑރ.ފަރަހަނާޒް ފައިސަލް ވެސް އެމްޑީޕީ ސަރުކާރުގައި ވަނީ އެ މަގާމު އަދާކުރައްވާފަ އެވެ. އޭނާ ދިރިއުޅުއްވަނީ ވެސް އިނގިރޭސިވިލާތުގައެވެ.

ބެލެވޭ ގޮތުގައި މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން ސަފީރުންނަށް ރުހުން ދޭނެއެވެ.