(އއ.އުކުޅަސް) އަންނަ އަހަރުގެ ތެރޭގައި އއ.އުކުޅަހުގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި އއ.އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، އުކުޅަހަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ރަށުގައި މީހުން ފުރި ދިރިއުޅޭނެ ގޯތި ދޫކުރެވޭނެ އެއްވެސް ގޮތެއް ނެތުން ކަމަށެވެ.

އުކުޅަހުގެ ބިމުގެ ދަތިކަމުގެ ސަބަބުން އެރަށުން ގޯތި ދޫނުކުރާތާ 21 އަހަރު ވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އަމިއްލަ ދިރިއުޅުމެއްނުފެށި އެތައް ދެމަފިރިންނެއް އަމިއްލަ ބޯހިޔާވަހިކަން ނެތި އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އުކުޅަހުގައި މުހާޠަބު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

"މިކަން ހައްލުކުރުމަށްޓަކައި މިރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި މާތް ﷲ ގެ ވާގިފުޅާއެކު ފެށިގެންދާނެ. މިފެށޭ އަހަރުގެ ތެރޭގައި އެ މަޝްރޫއު ފެށުމަށް ވަނީ ބަޖެޓް ކުރެވިފައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އުކުޅަހަށް ދިމާވެފައިވާ މައިގަނޑު މައްސަލަ ކަމަށްވާ ބިމުގެ ދަތިކަން ހައްލުކުރުމުގެ އިތުރުން ރަށުގެ ނަރުދަމާގެ ނިޒާމް ނިންމުމަށް ބޭނުންވާ ފައިސާ ވެސް އަންނަ 2019 ވަނަ އަހަރު ބަޖެޓުގައި ހިމަނުއްވާފައިވާނެ ކަމަށެވެ.

"ރައްޔިތުންގެ ވަރަށް ޙާއްޞަ އަހަންމިއްޔަތަކުން މި ސަރުކާރު އުފައްދާފައި މިއޮތީވެސް ދިވެހިންގެ އިންސާނީ ހައްޤުތައް ކަށަވަރުކޮށް ހިމާޔަތް ކޮށްދޭން. އަމިއްލަ ދިރިއުޅުމެއް ފަށާއިރު އެމީހެއްގެ އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައި އޮތުމަކީ އެންމެ އަސާސީ އިންސާނީ ހައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެއް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް އަށް އުކުޅަހުން މަރުޚަބާ ދެންނެވުމުގެ ތެރެއިން - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

އުކުޅަހު ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމާ އުކުޅަހާ ގުޅި ލާމެހިފައިވާ ކަމަށާއި، ވެރިކަމާ ހަވާލުވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު އުކުޅަހަށް ކުރަން ލިބުމަކީ ލިބުނު އުފަލެއް ކަމަށެވެ.

ކެމްޕޭންގެ ތެރޭގައި ރައްޔިތުންނާ ބައްދަލުކޮށް ބޭނުންވާ ކަންތައްތައް ދެނެގަތުމުގެ ނަސީބެއް ނުލިބުނު ނަމަވެސް އުޅުޅަހު ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާއި ރައްޔިތުންގެ އިހުސާސްތައް ދެނެގަނެފައިވާނެ ކަމަށާއި، އުކުޅަހުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް މި ސަރުކާރުން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުކުޅަހުގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތަކުގެ އަމަލީ މަސައްކަތް މިހާރުވެސް ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ހެނދުނު އުކުޅަހަށް ވަޑައިގެންނެވުމުން ރަށުގެ ކުދިބޮޑު ރައްޔިތުން ބަނދަރު ސަރަހައްދުން ރައީސް އަށް ހޫނު މަރުޚަބާއެއް ދަންނަވާފައިވެއެވެ. ރައީސްގެ މި ދަތުރުފުޅުގައި އުކުޅަހުގެ ސަރުކާރު މުއައްސަސާތަކާ ބައްދަލު ކުރުމުގެ އިތުރުން އުކުޅަހު ކައުންސިލްގެ ވެބްސައިޓް އިފްތިތާހް ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އުކުޅަހުގެ އިތުރުން މިއަތޮޅު ފެރިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ސަރުކާރު މުއައްސަސާތަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޫރާ

    ކަލޯ ޖަޒީރާގަ ބިން ހިއްކާތަ؟ ތިމާވެއްޓަށް ހާދަ ގެއްލުމެކޭ ތިޔަދެވެނީ!

  2. ައަސްލު ވެރިޔާ

    މަހަ ޖައްރާފުންތޯ ނޫނީ ބޮސްކާލިސް އިންތޯ.

  3. ދޮންބެ

    ޕާޓީގެ ޖަލު ސާއެއް ތޯ ނުވަތަ ސަރުކާރު ރަސްމީ ޖަލްސާއެއް ތޯ

  4. ރިސާޗް

    ނާސާ އިން ބިން ހިއްކާ އުޅަނދެއް ގެންނަނީ... މާބުލްތައްވެސް ތަޅާލީ.. ބުރިޖުވެސް ތަޅާ ލަނީ.ލޮލް

  5. އަންތަރީސް

    ދުނިޔޭންބޭރުން މަހާ ޖައްރާފެއް ގެންނަނީ ރައީސްޔާމީންގެ މަހާޖައްރާފު ފައްތާލާފަ މިސްކިތު މާބުލްތެޅި ބޮޑު ސޯލި .

  6. ޖޮއްބެ

    ހޫނ ދެންތިބޭ އުކުޅަހުމީހުން ތުން ބޯލަބޯލާ. އެއްކަމެއްވެސް ނުކޮށްދޭނެ ނުވެސްކޮށްދެވޭނެ. އެ ކޮލިޓީއެއް ނުވެސް ހުންނާނެ.