އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހާ ޖެހެންދެންވެސް މި ސަރުކާރު ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި އއ.އުކުޅަހުގައި ބެއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ރައްޔިތުންގެ ވަރަށް ޙާއްޞަ އަހަންމިއްޔަތަކުން މި ސަރުކާރު އުފައްދާފައި މިއޮތީވެސް ދިވެހިންގެ އިންސާނީ ހައްޤުތައް ކަށަވަރުކޮށް ހިމާޔަތް ކޮށްދިނުމަށް ކަމަށެވެ.

މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އިންސާނީ ހައްޤުތަކުގެ ދުވަހަށްވާއިރު، އިންސާނީ ހައްޤުތައް ކަށަވަރު ކުރުމަށްޓަކައި ރައްޔިތުން މި ސަރުކާރާ މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތަކުގެ މަތިން ހަނދާން ނެތިވަޑައިނުގަންނަވާ ކަމަށް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

އުކުޅަހުން ރައީސްއަށް މަރުޚަބާ ދެންނެވުމުގެ ތެރެއިން - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އެއްޗަކީ ރައްޔިތުންގެ އިންސާނީ ހައްޤުތައް. މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ޖެހެންދެން ދެމިއޮންނާނީ ތިޔަ ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ ފަސްވަރަކަށް އަހަރުގެ ތެރޭގައި ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރު ކުރުމަށްޓަކައި ދިވެހި ރައްޔިތުން ހުއްޓުމެއްނެތި ކުރަމުންއައި އަގުނުކުރެވޭފަދަ ބުރަ މަސައްކަތާއި، ދިވެހި އެތައް ރައްޔިތުންނެއް އެކަމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ ފެނިވަޑައިގެންނެވި ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ވެރިކަމުގައި މިތިބީ ދިވެހި ރައްޔިތުން އެދޭގޮތަށް ހެޔޮ ވެރިކަމެއް ކޮށްދޭން. ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް އެފުރުޞަތު ދެއްވައިފީމު. މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަން މިއަރުވަނީ މި ސަރުކާރަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާނެ ސަރުކާރެއްނޫން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

އުކުޅަހުން ރައީސްއަށް މަރުޚަބާ ދެންނެވުމުގެ ތެރެއިން - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

ދެމެހެއްޓެނިވި ތަރައްޤީއަށް މަގުކޮށާދެނީ އިންސާނީ ހައްޤުތައް ކަށަވަރު ކޮށްދެވިގެން ކަމަށާއި، ކަރާމާތްތެރި، އަބުރުވެރި ދިރިއުޅުމަކަށް މީހާ ގެންގޮސްދެނީ އިންސާނީ ހައްޤުތައް ހިމާޔަތް ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަކު އަނެކުގެ ހައްޤުތަކަށް އަރައިނުގަނެ ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ ވިސްނުން ސިކުންޑީގައި އުފެދެނީ އިންސާނީ ކަރާމާތާއި ހައްޤުތައް އެމީހަކަށް ހާސިލްވަމުންދާކަމުގެ ފޮނި އިހުސާސް ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަބުރުވެރި ޠާހިރު ދިރުއުޅުމަކަށް ހުރަސްއަޅާނަމަ، އެ ހައްޤު ހޯދުމަށް ދެތުވަންޖެހޭ. އުޖާލާ ކުރިމަގަކަށް ކުރާ އުއްމީދުތައް ފަނޑުން ނަމަވެސް ހިޔަންޏެއް އެޅިއްޖެނަމަ އެހައްޤުގެ ދިފާއުގައި ވާކާލާތު ކުރަންޖެހޭނެ. އަދުލުއިންސާފުގެ ހައްޤުތަކުން މަހްރޫމް ކުރެވޭނަމަ، އެ ހައްޤު ކަށަވަރު ކުރުމަށް ގަދައަޅާ މަސައްކަތް ކުރެވެންޖެހޭނެ." ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، އިންސާނީ އަސާސީ ހައްޤުތައް ކަށަވަރުކޮށްނުދެވޭނަމަ، ސަރުކާރު ދެމިއޮތުމުގެ އެއްވެސް ބޭނުމެއްނެތް ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި އިންސާނީ ހައްޤުގެ ދާއިރާގައި ރާއްޖެ އޮތް ޚާލަތަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން އުކުޅަހު ކައުންސިލްގެ ވެބްސައިޓް ވަނީ ރަސްމީކޮށް އިފްތިތާޚް ކޮށްދެއްވާފައެވެ. މި ދަތުރުފުޅުގައި އުކުޅަހުގެ އެހެނިހެން މުއައްސަސާތަކާވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މެންދުރުފަހު މިއަތޮޅު ފެރިދުއަށްވެސް ވަޑައިގެންނަވާނެއެވެ. ފެރިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މުއައްސަސާތަކާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިއަދު ހަވީރު ރައީސް މާލެ ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިންސާފު

    ޙޯރަ އިއްބެ ކަހަލު މީހުން ޖަލުން ނެރެގެން ދޯ އިންސާނީ ހައްގު ދެވޭނީ

  2. މުހައްމަދު

    ޜައީސް އެއް ވިއްޔާ ކޮންމވެސް ގޮތެއް ހުންނަންވާނެ.

  3. ސުމިތް

    މީހުންގަޔައް، ރޯމާ ދުވާލުއަރާ، މާރާމާރީހިންގާ މީހުން ދޫކޮއްލަނީ އިންސާނީ ހައްގު ރައްކާތެރިކުރަންތޯ؟ ޕީ

  4. ޖޮއްބެ

    އެމްޑީޕީގެ މީހަކު ނުބައިނުލަފާ ޖަރީމާއެއް ހިންގީމާ އެމީހަކު ކުށްވެރި ނުވެފަ ކޯޓުއަމުރުގެ ވެސް ބޭރުން ސަލާމަތީ ބާރުތަކަށް ޣައިރު ޤާނޫނީ އަމުރުކޮށްގެން އެމީހަކު ނުވަތަ ބަޔަކު މިނިވަން ކުރުމަކީ އިންސާނީ ޙައްގުތައް ކަށަވަރު ކޮށް ދިނުންހޭ.....؟؟؟

  5. ހަސީނު ސަލާމް

    މިތާ މިއުޅޭ ކްރިސްޓިޔަނ ދީން ގަބޫލު ކުރާ ކުދިންނާއި، އެތީސްޓުންނާއި، މުޖުނައީމް ގެ އިންސާނީ ހައްގު ހޯދަދޭ ވާހަކަތޯ؟ ވަރަށް އެހެން ހީވޭ

  6. އަހުން

    ހޯރަ އިއްބެގެ އިންސާނީ ކަރާމާތް ކަލެޔަށް ހަމަ އެކަނި ދޭން އިނގެނީ އެނޫން މީހުންނަކީ ވަލުޖަނަވާރުން ދެން ރައްޔަތުންނުހައްދާ ތިހާވަރަށް......އޯގާތެރި ކަމުގެ ކޯޓުލައިގެންތިހުރީ މީހުންނަށް ދެއްކެން

  7. ފަހަރި ވަޒީރު

    ކުޑަކުދިންނާ ބެހޭ މީހުންގެ ހައްގު ފުރިހަމައަށް ލިބޭނެކަމުގެ ކަށަވަރުކަން މިހާރުވެސް ވަނީ ލިބިފަ. މިވަރު އޯގާތެރި ސަރުކާރެއް ދުށީމުތަ؟

  8. ބޮޑު ސޭޓް

    ހައްގު ތަކުގެ ވާހަކަ ދެއްކުން މާރަގަޅެއް ނޫން. އެމް.ޑީ.ޕީ މީހުން ނޫން މީހުން ވަޒީފާއިން މިސަރުކާރުން ކަނޑާލީ. ކޮބާ އެމީހުންގެ ހައްގުތައް؟ ނިކަން ބުނެލަބަލަ ސޯލިހު