ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ ބިލް ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ ބިލު ސަރުކާރު ފަރާތުން މަޖިލީހަށް ހުށައެޅީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. މިބިލު މަޖިލީހަށް ހުށަހެޅުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ޝަރީފް ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ދަނޑުވެރިކަން ފުޅާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް ކަމަށެވެ.

ދަނޑުވެރިކަމަކީ ރާއްޖޭގެ ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެކެވެ. ދަނޑުވެރިންނަށް ހައްދާ ތަކެއްޗަށް ހަމަ އަގު ނުލިބުމާއި ރަނގަޅު މާކެޓެއް ނުލިބުމަކީ ދަނޑުވެރިކަން ކުރަމުން އަންނަ ގިނަ ފަރާތްތަކެއްގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެހެންކަމުން ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގައި އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ މާއްދާގައި ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތީގެ ތެރެއިން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިިސްޓްރީ އިން އާންމުކޮށް ޝާއިއު ކުރާ ތަކެތި މި ބިލުގައި ވަނީ ހިމަނާފައެވެ.

ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމުގެ ބަހުސް މަރުހަލާ ކުރިއަށްދާއިރު މި ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީ މަރުހަލާއަށް ފޮނުވުމަށް މިއަދު މެންދުރު ފަހު އޮންނަ ޖަލްސާގައި ވޯޓައް އަހާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނު

    ދަޑުވެރިކަމުގެ ތެރޭގައި ކުކުޅު ބަކަރި ގެންގުޅެން ބޭނުންވާ ކާނާވެސް ހިމެނުން މުހިންމު ރާއްޖޭގަ ބޭނުންވާވަރަށް ކުކުޅުބިސް އުފެއްދިދާނެ

  2. ވައުދުގޮވި

    ދަނޑުވެރިކަމަށް އެތެރެ ކުރެވޭ ތަކެއްޗަކީ ޑިއުޓީ މާފު ޢިނާޔަތް ދެވޭ ތަކެއްޗެވެ.