ފައިގެ ތަނބި ކަށްޓަށް މަޑިއެއްގެ ކަށްޓެއް ހެރުމުގެ ސަބަބުން ޙާލު ދެރަވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ، "އަސްދަނޑި" ދޯނީގެ މަސްވެރިޔާގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޝީޒާ އިބްރާހިމް "ވަގުތު"އަށް ވިދާޅުވީ، މިއަދު ހެނދުނު އެ ހޮސްޕިޓަލަށް ގެންދެވުނު އުމުރުން 53 އަހަރުގެ މަސްވެރިޔާ ހޮސްޕިޓަލަށް ގެނެވުނު އިރު ޙާލު ސީރިއަސް ކަމަށާއި، މިވަގުތު އެމަޖެންސީގައި ފަރުވާދެމުންދާ މަސްވެރިޔާގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށާއި، މިރޭގެ ވަގުތެއްގައި ވޯޑަށް ބަދަލުކުރެވޭނެ ކަމަށެވެ.

"މިހާރު މިވަގުތަށް ޕޭޝަންޓުގެ ޙާލު އަންނަނީ ރަނގަޅުވަމުން. ޕޭޝަންޓް މިވަގޮތު އޮތީ ނިންދަވާފައި އެމަޖެންސީގައި، ނަމަވެސް މިރޭ ވޯޑަށް ބަދަލު ކުރެވިގެންދާނެ،" ޝީޒާ ވިދާޅުވިއެވެ.

"އަސްދަނޑި" ދޯނީގެ މަސްވެރިޔާ މިއަދު ހެނދުނު 11 ޖަހާކަންހާއިރު ސީ އެންބިއުލާންސްގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ރ. މަޑުއްވަރީ އާއި 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އޭނާގެ ޙާލު ސީރިއަސްވެ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމުން ނޮދަން އޭރިއާގެ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ބ. އަތޮޅު ސީއެންބިއުލަންސްގައެވެ.