އާ ސަރުކާރުން ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް އުކުޅަހު ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ވަގުތީ ބޭނުމަކަށްވިޔަސް ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤުތައް ހަނިކުރުމުން، މުޅި ނިޒާމު ގަޑުބަޑުވެގެންދާ ކަމަށާއި، އެގޮތަށް ވެރިކަން ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ.

"މި ސަރުކާރުން ކުރާ ކަންތައްތަކާމެދު ފާޑުކިޔުމުގެ ފުރުޞަތު އަބަދުވެސް ރައްޔިތުންނަށް އޮންނާނެ. ނޫސްވެރިކަމުގެ މިނިވަންކަން މި ސަރުކާރުން ކަށަވަރުވެސްކޮށްދޭނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްގެން ނޫނީ ރައްޔިތުން އެދޭ ދިވެހިރާއްޖެއެއް ބިނާ ނުކުރެވޭނެ ކަމަށާއި، ރައްޔިތުން އެދޭގޮތަކީ ސަރުކާރު ނުރުހޭ ކަމެއް ކަމުގައިވިޔަސް، އެ ޚިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ އެއްވެސް ޙައްޤެއް ހަނި ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، ރިޕޯޓަރސް ވިތައުޓް ބޯޑަރޒް އިން މިއަހަރު އާންމުކޮށްފައިވާ ޕްރެސް ފްރީޑަމް އިންޑެކްސްގައި،180 ޤައުމުގެ ތެރެއިން ދިވެހިރާއްޖެ ލިސްޓްކޮށްފައިވަނީ 120 ވަނައިގައި ކަމަށާއި، އެއީ މިދިޔަ އަހަރާ ބަލާއިރު، ތިން ދަރަޖައިގެ ވެއްޓުމެއް ކަމަށެވެ. އަދި އެ އިންޑެކްސްގައި، 2012 ވަނަ އަހަރުން ފެށިގެން ރާއްޖެވަނީ އެތައް ދަރަޖައެއް ފަހަތަށް ގޮސްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ޖަމުޢިއްޔާ އިން ސިފަކުރާގޮތުގައި ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މާޙައުލު މިހާރު އޮތީ ވިހަވެފައި. ސިޔާސީ ޕާޓީތަކުގެ ހިންގުމާއި، ފަރުދުންގެ މިނިވަންކަން ހިފަހައްޓަމުން، ޖަލުތަކުގެ ޙާލަތު އެތައް ގުނައަކުން ދަށަށްދިޔަ، ޝަރުޢީ ކޯޓުތަކުން އިންޞާފު ލިބިގަތުމުގެ ޙައްޤު، ރައްޔިތުންނަށް ގެއްލިގެންދިޔަ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ނަތީޖާއަކަށް ވެގެންދިޔައީ، ބައިނަލްއަޤްވާމީ މިންގަނޑުތަކުން ދިވެހިރާއްޖެއަކީ ޑިމޮކްރަސީއެއް ނޫންކަމުގައި ނިންމުން ކަމަށާއި، މިފަދަ ކަންކަން ބަލައި ދިރާސާ ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ފްރީޑަމް ހައުސްއިން ނިންމާފައިވަނީ، ދިވެހިރާއްޖެއަކީ ފަރުދުންގެ ޙައްޤުތައް ރައްކާތެރިނުކުރާ ”ޕާޝަލީ ފްރީ“ ޤައުމެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ މި ދުވަހު އަޅުގަނޑު ދައްކާ ވާހަކައިގެ ތެރޭގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި، ދިވެހިރާއްޖެއަށް ކުރިއެރުން ލިބުނުކަން ހާމަކުރެވޭނެ. އަދި ޑިމޮކްރެޓިކް ހަމަތައް ހަރުދަނާވެ، ފްރީޑަމް ހައުސްއާއި، ރިޕޯޓަރޒް ވިތައުޓް ބޯޑަރޒްގެ އިންޑެކްސްތަކުގައި ދިވެހިރާއްޖެ އެތައް ދަރަޖައެއް ކުރިއަރާނެ." ރައީސް ވިދާޅުވިއެވެ.

އިންސާނީ ޙައްޤުތަކާ ގުޅޭ ޤައުމީ އޮނިގަނޑު، ޔޫ.އެން.ޑީ.ޕީ.ގެ އެހީތެރިކަމާއެކު މިހާރު އެކުލަވައިލަމުން އަންނަކަމީ މުހިއްމު ކަމެއް ކަމަށާއި، އެ އޮނިގަނޑު ޤައުމީ އެކިއެކި އިދާރާތަކާއެކު މަޝްވަރާކުރެވި އެކުލަވައިލުމަށްފަހު ތަންފީޒުކުރެވެން ފެށުމަކީ، އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ރައީސް ޞޯލިޙް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ނޫސްވެރިކަމަށް މިނިވަންކަމެއް ނުލިބޭ ދޮގުހައްދަވާނެ ކަމެއްނެތް! މިނިވަންކަން އިބޫގެ ސަރުކާރުގައި ލިބުނީ މީހުން އަބުރަށް އަރައިގަތުމާއި ދޮގުވާހަކަ ދެއްކުމުގެ މިނިވަންކަން! އެހެންނޫންތޯވާނީ ދޮގުން މަކަރުން ވަގުވޯޓުން ވެރިކަމަށް އައިހަކު ދެންހައްދަވާނީވެސް ހުސްދޮގު!