ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮންމެ ހަފްތާއަކު ހާމަކުރަން ފަށާފައިވާ މާލީ ހިސާބުތަކުން އެ ހަފްތާއެއް މާލީ ހާލަތު ފުރިހަމައަށް ނުދެއްކޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ކޮންމެ ހަފްތާއަކު ދައުލަތުގެ ޕަބްލިކް ބޭންކިން އެކައުންޓްގެ މައުލޫމާތު ހާމަކުރާނަމަ، އެހަފްތާއެއްގެ މާލީ ހާލަތު ހާމަވެގެންދާނެ ކަމަށާއި، ދައުލަތުގެ ކޭޝްފްލޯގެ މައުލޫމާތުތައް ހާމަކުރުމުން ވެސް މާލީ ހާލަތު އެ ހަފްތާއެއްގައި އޮންނަ މިންވަރު އެނގިގެންދާނެ ކަމަށެވެ. ނަމަވެސް މި މައުލޫމާތުތަކުން ދައުލަތުގެ މާލީ ހާލަތު އެ ހަފްތާގައި އޮތް މިންވަރު ހާމަކޮށް ނުދެވޭ ކަމަށެވެ.

"ފިނޭންސް މިނިސްޓްރީން މި މައުލޫމާތުތައް ހާމަކުރުމަކީ އާ ސަރުކާރުން ފެށި ވަރަށް މުހިއްމު މަސައްކަތެއް , އަދި މި މައުލޫމާތުތަކާއެކު ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރެވޭނެ " އޭނާ ވިދާޅުވިއެވެ.

މުނައްވަރު މިހެން ވިދާޅުވެފައިވާ އިރު، ސަރުކާރުން ވަނީ ކޮންމެ ހަފްތާއެއްގައި ދައުލަތުގެ މާލީ ހާލަތު ހާމަކުރާނެ ކަމަށް އިއުލާނުކޮށްފައެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރި މާލީ ރިޕޯޓުގެ ހިސާބުތަކުން ދައްކާ ގޮތުން މިއަދާ ހަމައަށް މި އަހަރުގެ އާމްދަނީގެ ގޮތުގައި ސަރުކާރަށް 19.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ގާތްގަނޑަށް 2 ބިލިއަން ރުފިޔާ މަދު މިންވަރެކެވެ.

ދައުލަތުން މި އަހަރުގެ މިހާތަނަށް ކުރި ހޭދަ އުޅެނީ 23.1 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ޑެފިސިޓް ތިން ބިލިއަން ރުފިޔާއަށް އަރައެވެ.

ޓެކްސްގެ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 14.4 ބިލިއަން ރުފިޔާއެވެ. ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 16.3 ބިލިއަން ރުފިޔާއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ފިނޭންސް މިނިސްޓްރީން ދައުލަތުގެ މާލީ ހާލަތު ކޮންމެ ހަފްތާއަކު އެއް ފަހަރު ގެންދިޔައީ ހާމަކުރަމުންނެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެފަދަ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިމްތިހާން

    ކަލޭ ދައްކާފަ ފައިބައެއްނު ތިހިރީ

  2. ދދދދދ

    އެމީހުންގެ ހާލަތު އެންމެނަށްވެސް އެނގޭ. އެ ބާގައި މީހުންވެސް ދަނޭ އެމީހުން ކިބައަކު ކަމެއް ކުރެވޭހާ ފެންވަރު ނެތްކަން. އެކަމަކު އެމީހުން ފަހަތުން އެ އެނބުރެނީ އެއީ ހުސް މުޖުނައީމް ގްރޫޕް މީހުންނަށް ވާތީ އެންމެ ކަމަކަށްޓަކާ. އެމީހުންނަށް ކުރެވޭނެ ހަމައެކަނި ކަމަކީވެސް އެއީ.