އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ރަޖޭޝްވަރު އުދާނީގެ މަރާ ގުޅިގެން ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޓީވީ ޝޯ، "ސާތު ނިބާނާ ސާތިޔާ" ގައި ގޯޕީގެ ރޯލުން ފެނިގެންދާ، ޑިވޮލީނާ ބަޓަޗާޖީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށް ދެކެވުނު ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

އެވާހަކަތައް ދޮގުކުރަމުން ދެވޮލީނާ ބުނީ އެމައްސަލަ އާގުޅިގެން އޭނާ ފުލުހުން އޭނާ ހައްޔަރު ނުކުރާ ކަމަށެވެ.

އެގޮތުން އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ އެމީހުން ސުވާލުތަކަކަށް ޖަވާބުދިނުމަށް ކަމަށާއި އެ ސުވާލުތަކަަށް ޖަވާބު ދިނުމަށްފަހު ގެއަށް ދިޔައީ ކަމަށް ދެވޮލީނާ ވަނި ބުނެފައެވެ.

އެމައްސަލަ އާ ގުޅިގެން ދެވޮލީނާގެ ވަކީލު ބުނީ ދެވޮލީނާ ބެހޭގޮތުން މީޑިއާތަކުން ގެނެސްދިނީ ދޮގު ހަބަރުތަކެއް ކަމަށެވެ. ވިޔަފާރިވެރިޔާ ރަޖޭޝްވަރަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ އަންހެނުންނާ ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

މަޝްހޫރު ޑައިމަންޑް ވިޔަފާރިވެރިޔާ ރަޖޭޝްވަރުގެ މަރުގެ މައްސަލައިގައި ގޯޕީގެ އިތުރުން އިންޑިއާގެ މިނިސްޓަރެއްގެ ކުރީގެ ޕާސަނަލް އެސިސްޓެންޓު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފައެވެ.

އުމުރުން 28 އަހަރުގެ ގޯޕީއަކީ އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ހިމެނޭ ފަރާތެކެވެ. އަދި އޭނާއަކީ މުނިފޫހިފިލުވުމުގެ ދާއިރާއިން ގިނަ ކާމިޔާބީއެއް ލިބިފައިވާ ފަރާތެއްވެސް މެއެވެ.

ގޯޕީގެ މިހާރުގެ ވިސްނުން ހުރީ ލަވަކިޔުމުގެ ދާއިރާއަށެވެ. އެގޮތުން އޭނާ އަންނަނީ އޭނާގެ އަމިއްލަ އަލްބަމެއްގެ މަސައްކަތް ކުރަމުންނެވެ. އަދި އެ އަލްބަމުގެ ފުރަތަމަ ލަވަ އާންމުންނަށް ދޫކޮށްލާފައިވާއިރު ގިނަ ބަޔަކަށް ވަނީ އެލަވަ ކަމުގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު