ނައިޓް މާކެޓު ބާއްވާނެ އުސޫލުތަކެއް ކަނޑައަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއްގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ނައިޓް މާކެޓް ބާއްވަން ފެށީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާތައް ހެޔޮއަގުގައި ވިއްކުމަށް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.

" މިހާރު ބައެއް ފަރާތްތަކުން ރާއްޖޭން ބޭރުން މުދާ ގެނެސްގެން ވިއްކަމުން އަންނަކަން ފާހަގަކުރެވޭ ބޭނުން ފަރާތަކަށް ނައިޓް މާކެޓުގައި ބައިވެރިވެވޭ ގޮތަށް ނައިޓް މާކެޓު ބޭއްވުމުގެ ސަބަބުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބޭ" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، މީގެ ސަބަބުން "ވިޔަފާރިތައް ބަނގުރޫޓުވެގެން ދިއުމަކީ" ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ދައުލަތަށް ޓެކްސް ފައިސާ ލިބިގެންދަނީ ވިޔަފާރިވެރިންގެ އަތުން ކަމަށްވާތީ، ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިޓް މާކެޓު އިންތިޒާމްކުރާ ލިކަމެކް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ދަރުބާރު ގެއާއި، ދަރުބާރުގޭ ސަރަހައްދުގައި މިފަހަރު ބާއްވާ ނައިޓް މާކެޓުގައި ޖުމްލަ 218 މޭޒު ބަހައްޓާނެއެވެ. އެ ކުންފުނިން ވިދާޅުވެފައިވަނީ މޭޒު ދޫކުރުމަށް ފުރަތަމަ ދޫކުރާނީ 100 ނަންބަރު ކަމަށާއި، އެއަށްފަހު އަންނަ މީހުންގެ ނަން ވެއިޓް ލިސްޓް ކުރާނެ ކަމަށެވެ.

ނައިޓް މާކެޓުގެ މޭޒުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 04:00 އަށް ޝީ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާގައެވެ. އެއް ފަރާތަކަށް މިފަހަރު ގިނަވެގެން އެއް ބޭފުޅަކަށް ނެންގެވޭނީ 2 މޭޒު ކަމަށް ކަނޑައަޅާފައިވާއިރު، މޭޒު ނަންގަވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށް އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލީމު

    ޙުޅުމާލޭގަ 3މަހުން ކަހަލަ ގޮތަކަށް ކޮންމެސް ސްކޫލްއެއްގެ ނަމުގަ ނައިޓްމާކެޓެއް ބާއްވާ
    މިފަހަރު ލިކަމެކް އިންބާއްވާ ނައިޓް މާކެޓުން އިއުލާން ކޮށްފަ އޮތްވަރައްވުރެ އިތުރަށް ޖީއެސްޓީ އަށް 320ރުފިޔާނެގި މިހާތަނަށް އެހެންމާކެޓްއަކުން ނުނަގާ މިފައިސާއެއް