ދަނޑުވެރިކަމަށް ރާއްޖެ އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް އިމްޕޯޓް އެކްޕޯޓް ގާނޫނަށް ގެނައި އިސްލާހު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރު ފަރާތުން މަރަދޫ ދާއިރާގެ މެންބަރުން އިބްރާހިމް ޝަރީފް އެކްޕޯޓް އިމްޕޯޓު ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 56 މެންބަރުންގެ އިއްތިފާގުނެވެ.

އެ އިސްލާހު މަޖިލީހަށް ހުށައަޅުއްވަމުން އިބްރާހިމް ޝަރީފް ވިދާޅުވީ އެ އިސްލާހު މަޖިލީހަށް ހުށައެޅުއްވީ ދަނޑުވެރިކަން ފުޅާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް ކަމަށެވެ.

އެ އިސްލާހުގައި ވާގޮތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނުގައި އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ މާއްދާގައި ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތީގެ ތެރެއިން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިިސްޓްރީ އިން އާންމުކޮށް ޝާއިއު ކުރާ ތަކެތި ވަނީ ހިމަނާފަ އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ދަނޑުވެރިކަމަކީ ރާއްޖޭގެ ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެކެވެ. ދަނޑުވެރިންނަށް ހައްދާ ތަކެއްޗަށް ހަމަ އަގު ނުލިބުމާއި ރަނގަޅު މާކެޓެއް ނުލިބުމަކީ ދަނޑުވެރިކަން ކުރަމުން އަންނަ ގިނަ ފަރާތްތަކެއްގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އެހެންކަމުން ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނަނީ ހިނި

    100 ދުވަހަށް ހުރީ ހުސް ތިޒާތު ވައުދު. މާކުރިއްސުރެވެސް ކުރަމުން އަންނަ ކަމެއް ތީ. އަޅެ އެގްރިކަލްޗަރާ ބެހޭ މިނިސްޓްރީއާ ސުވާލުކޮށް، މީ ދޮގެއްތޯ އޮޅުން ފިލުވާލަބަލަ ނިކަން.