ރާއްޖޭގެ އުފަލާއި އަރާމަކީ މަސްވެރިކަމެވެ. ކަނޑު މަހަކީ އެއާ، ދިވެހިން ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމެކެވެ. އެހެންނަމަވެސް، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ދިރިއުޅުމުގެ އާދަތަކަށް އަންނަމުންދާ ބަދަލުތަކާއެކު، މަސް ކެނޑުމުގެ ކަންކަން މަޑުމަޑުން ދުރަށް ދަމުންދެއެވެ- ވާހަކައަކީ މަސް ކަނޑަން އެނގޭ ކުދިން މަދުވަމުން އަންނަ ވާހަކައެވެ.

މަސް ކަނޑަން އެނގޭ މީހުންގެ އަދަދު އަދި އެކަން ކުރަން ކެރޭ މީހުންގެ އަދަދު މަދުވަމުން އަންނައިރު، ރާއްޖޭގެ އެންމެ މަޝްހޫރު ގެމަނަފުށީ މަސްވެރިން ދަނީ މަސްކެނޑުމުގެ މުބާރާތެއް ބާއްވަން ތައްޔާރުވަމުންނެވެ.

ގެމަނަފުށީ މަސްވެރިންގެ ޓްވިޓަރ އެކައުންޓުގައި ހާމަކޮށްފައިވާ ގޮތުން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. މިއީ، އިއްޔެ ފާހަގަކުރި ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ކުރާކަމެއްކަމަށްވެސް އެފަރާތުން ހާމަކޮށްފައިވެއެވެ.

މަސްވެރިކަމާ ގުޅުންހުރި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދަމުން އަންނަ ގެމެނަފުށީ މަސްވެރިންގެ ޓްވިޓަރ އެކައުންޓުގައި އިތުރަށް ބަޔާން ކޮށްފައިވާ ގޮތުން، މަސް ކަނޑައިގެން އެއްވަނައަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާ ލިބޭނެއެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ ލިބޭއިރު ތިންވަނައަށް ލިބެނީ 2000 ރުފިޔާ އެވެ.

ގެމަނަފުށީ މަސްވެރިން ދަނީ މަސްވެރިކަމުގެ އެކި ހުނަރުތައް ތަރައްޤީކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން، "ބާނާބާނާ" ގެ ނަމުގައި އެފަރާތުން މިހާރުވެސް ދަނީ ދިރާގާއެކު އެޕްރެންޓިސްޝިޕް ޕްރޮގުރާމެއް ހިންގަމުންނެވެ.