ކޯލިޝަން އެއްބަސްވުންތައް ދެމެހެއްޓުމަށް މަސައްކަތްކުރައްވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ޖުމުހޫރީ ޕާޓީއަށް މެންބަރުތަކެއް ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައި މިހާރު އޮތް ކޯލިޝަނާއެކު ރައީސް ސޯލިހު ހުންނެވިކަން ވަރަށް ސާފުކޮށް ދެންނެވި ކަމަށާއި, އެކަމަށްޓަކައި ޝުކުރާއި ސާބަސް އެމަނިކުފާނަށް ރައްދުކުރާ ކަމަށެވެ.

"އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މިއަދު އެޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސް ސާލިހު, އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައި ރޭ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގެ އަސަރާއި ޖަޒުބާތު އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ހިއްސާކުރެއްވި، " ގާސިމު ވިދާޅުވިއެވެ.

ރޭ މުލިއާގޭގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކޮށް، ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެލައްވާފައިވަނީ، ކޯލިޝަނެއްގައި އޮވެ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް އެމްޑީޕީން ވާދަކުރަން ފެނިވަޑައި ނުގަންނަވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމްޑީޕީން ނިކުތް ނަމަވެސް ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ކުރެއްވެން ނެތް ކަމަށެވެ.

ރައީސް މިހެން ވިދާޅުވެލައްވާފައި މިވަނީ ކޯލިޝަން އެގްރީމެންޓާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް އެމްޑީޕީން ކުރިމަތިލުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.

ކޯލިޝަން އެގްރީމެންޓެއް އޮތްނަމަ އެ އެގްރީމެންޓަށް އިހުތިޜާމް ކުރުމާއެކު މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް ޤައުމީ މަޖިލީހުގައި މަޝްވަރާ ކުރެވެމުން ދަނިކޮށް، ކުއްލި ގޮތަކަށް ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރަން ނިންމީ ކުރީގެ ރައީސް ނަޝީދުގެ ހުށަހެޅުމަކަށެވެ.

ރައީސް ޞޯލިހަކީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މަޢުމޫންގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށްވާއިރު، ވެރިކަމަށް ވަޑައިގަންނަވަން ވެލައްވާފައިވާ އެއްބަސްވުންތަކުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވާދަ ކުރެވޭނީ 40 އިންސައްތަ ގޮނޑިތަކަށެވެ. އަދި ޖޭޕީއަށް 25 އިންސައްތަ، އަދާލަތު ޕާޓީއަށް 15 އިންސައްތަ ގޮނޑިއަށް ވާދަކުރެވޭއިރު ކުރީގެ ރައީސް މަޢުމޫނަށް ވާދަ ކުރެވޭނީ 20 އިންސައްތަ ގޮނޑިތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮޖޮންގޯ

    ޗަކްލެސް ޑްރިލް.?