ސަރުކާރު ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުޙައްމަދު ނިޒާރު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ސ. މަރަދޫފޭދޫ، ބަގީޗާގޭ ޙަސަން ޝާހު ކަމުގައެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކަށް ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ބޭފުޅުންތަކެއް އައްޔަން ކުރައްވާފައެވެ. އޭގެތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އެމްޑީންގެ މަޤާމަށް ބޭފުޅުން އައްޔަން ކުރައްވާފައިވެއެވެ.

އެމްޓީސީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާވާ އެއް ކުންފުނިކަން ފާހަގަކޮށްލެވެއެވެ. ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ އަދި ބަސް ޚިދުމަތުގައި އެކުންފުނި ހަރަކާތްތެރިވާއިރު ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތައް ހިންގާ ކުންފުންޏަކީވެސް އެއީއެވެ. އެގޮތުން، ބަނދަރު ހެދުމާއި، ބިން ހިއްކުން އަދި އެއަރޕޯޓު އެޅުން ފާހަގަކޮށްލެވެއެވެ.

އެންމެފަހުން އެމްޓީސީސީގެ އެމްޑީގެ މަޤާމުގައި ހުންނެވީ އިބްރާހީމް ޒިޔަތު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިހާން ހަމީދު

    ޟުހުރިހާ މަގށމެއްވެސް އައްޑޫއައް މީދެން ބޯޑުވަރުތާ

  2. އެމްޓީސީސީ އަކީ ފައިދާވާ ކުންފުންޏަކަށްވީ މާތްﷲގެ ވާގިފުޅާ އެކު ރައީސް ޔާމީން އެޅުއްވި ފިޔަވަޅު ތަކުންނެވެ. ކެރަފާ ނަޝީދުގެ ތިން އަހަރުގެ ވެރިކަން ނިމުނު އިރު އެމްޓީސީސީ ވެސް އޮތީ ބަނގުރޫޓުވެ ތަޅު އަޅުވާ ހިސާބުގައެވެ.