2017 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔަކަށް އަވަސް އޮންލައިންގެ ނާޒިމް ހަސަން ހޮވިއްޖެއެވެ.

ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު އަލިމަސް ޔޫބީލާ ދިމާކޮށް މިރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި އެކި އެކި ދާއިރާތަކުން 2017 ވަނަ އަހަރު އެންމެ މޮޅު ނޫސްވެރިންނަށް އެވޯޑް ދީފައިވާއިރު، އެންމެ އުއްމީދީ ނޫސްވެރިޔަކަށް ހޮވިފައިވަނީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓަށް އުފަން، އަވަސް އޮންލައިންގެ ޒުވާން ނޫސްވެރިޔާ ނާޒިމް ހަސަންއެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ހޯދި ނާޒިމް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އޭނާގެ އުފަން ރަށަށް ނިސްބަތްވާ "ކުޅުދުއްފުށީ އޮންލައިން" ގައެވެ. އޭގެފަހުން "ވަގުތު" އާ ގުޅި ޝަރުއީ ދާއިރާއަށް ޚާއްޞަ ނޫސްވެރިއަކަށް އޭނާ ބަދަލުވިއެވެ. ފަހުން "އަވަސް އޮންލައިން" އާ ގުޅި ކުރިއަށްދާއިރު އޭނާ އަކީ މިހާރު ރާއްޖޭގެ ޝަރުޢީ ދާއިރާ ކަވަރު ކުރާ ނޫސްވެރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ އެކަކެވެ.

ރައީސުލްޖުމްހޫރިއްޔާވެސް ބައިވެރިވެވަޑައިގެން ބާއްވަމުން ގެންދާ ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ތަފާތު ދާއިރާތަކުން ދެއްވި އެވޯޑްތަކަށް ބަލާއިރު، ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައިވަނީ ހަވީރު އޮންލައިނާއި މިހާރު އޮންލައިން އަދި ރާއްޖެ ޓީވީގައި ކުރިން މަސައްކަތް ކުރި މުޙައްމަދު ޝަރުހާންއެވެ. ޝަރުހާން މިހާރު މަސައްކަތް ކުރަމުން ދަނީ ރައީސް އޮފީހުގައި، ނައިބު ރައީސްގެ ފޮޓޯގްރާފަރެއްގެ ގޮތުގައެވެ. އެންމެ މޮޅު ވީޑިއޯ ޖަރނަލިސްޓްގެ އެވޯޑް ހާސިލް ކޮށްފައިވަނީ ޗެނަލް ތޭރައިގެ ހީވާގި ވީޑިއޯ ޖަރނަލިސްޓް އައިމިނަތު ލަޔާލް މަނިކެވެ.

އިޖުތިމާއީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ސަން އޮންލައިން އިން ވިދާލި އަދި މިހާރު "މިހާރު" ނޫހުގައި މަސައްކަތް ކުރައްވަމުން އަނަން ޒުވާން ނޫސްވެރިޔާ އަޙްމަދު ސާއިލް ޢަލީ ހޮވުނުއިރު، ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން އެންމެ ނޫސްވެރިޔަކަށް ހޮވިފައިވަނީ މިހާރު ނޫހުގެ މުއިއްޒު އިބްރާހީމްއެވެ.

ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރު ނޫހުގެ ޢަބްދުﷲ ޖަމީލް ހޮވިފައިވާއިރު، ސިޔާސީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވިފައިވަނީ އަވަސް އޮންލައިންގެ "އަވަސް ހުކުރު" އިން މިފަހުން ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ މޫސާ ރަޝީދެވެ.

ފީޗާ ލިޔުމުގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރު ނޫހުގެ އައިމިނަތު ޝިފްލީން ހޮވުނުއިރު، މާރކްސް އެއްވަރުވުމުގެ ސަބަބުން ކުޅިވަރުގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް 2 ނޫސްވެރިޔަކަށް އަރުވާފައިވެއެވެ. އެއީ އަވަސް އޮންލައިންގެ ހުސައިން ހަބީބް އަދި މިހާރު ނޫހުގެ އައްޒާމް އަލިފުޅެވެ.

ނޫސްވެރިކަމުގެ އެވޯޑް ނައިޓްގައި ޚާއްޞަ ނަންބަރެއްގެ ގޮތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ ނޫސްވެރިކަމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ޢަބްދުﷲ ޞާދިޤަށެވެ.

މި ހަފްލާގައި "އަލިމަސް" ގެ ނަމުގައި ޚާއްޞަ ފޮތެއް ނެރުއްވާފައިވާއިރު، ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ލަވައެއް ވަނީ ހުށަހަޅައިދީފައެވެ.

މި ހަފްލާގައި ހޯމް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިކަމުގެ ކުރިމަގު އަލިވާނެ ކަމުގެ އުއްމީދު ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.