ދިވެހި ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކޮށް، ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ހިމެނިވަޑައިގަންނަވާހެން އަށް ބޭފުޅަކަށް އަރުވައިފިއެވެ.

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން މި އަށް ބޭފުޅުންނަށް އަރުވާފައިވަނީ، ނޫސްވެރިކަމަށް 75 އަހަރު ފުރުނު އަލިމަސް ޔޫބީލާއި ދިމާކޮށް ރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަލްފާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞޯލިޙްގެ އަތްޕުޅުންނެވެ.

ނަމަވެސް ނޫސްވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި، އަދި އަބަދުވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ރާއްޖޭގައި އެންމެ ވަރުގަދަ އަށް ވަކާލާތު ކުރެއްވެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މީޑިއާ ކައުންސިލުން އެއްވެސް އެވޯޑެއް ދެއްވާފައެއް ނުވެއެވެ. ނަޝީދަށް އެއްވެސް އެވޯޑެއް ލިބިވަޑައިނުގެންނެވުމުން ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އެރުވި ނިޝާން އިއްޒަތުގެ ވެރިޔާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ މިސުރުގައި ތަޢުލީމު ހާސިލް ކުރެއްވި ދުވަސްވަރު ނޫސް މަޖައްލާ ތަކަށް ލިޔުއްވަން ފެއްޓެވި އަދި ރައީސް މަގާމުގައި ހުންނަވައިގެންވެސް ލިޔުއްވި ބޭފުޅެކެވެ. ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް "ދީނުގެ މަގު" ގެ ނަމުގައި މަޢުމޫން ހަފްތާ މަޖައްލާއެއް ދިގު މުއްދަތަކަށް ނެރުއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މައުމޫނަކީ ރާއްޖޭ ގައި އެންމެ ގިނަ ނޫސްވެރިން ޖަލަށްލި، ރައީސް އެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އެރުވި، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެން އަކީ 75 އަހަރުގެ ތާރީޚުގައި ހަވީރު ނޫސް އުފައްދައި ކުރިއެރުވި ފާހަގަކޮށްލެވޭ ސަހްސިއްޔަތެކެވެ. ނޫސްވެރިކަމުގެ ރޮނގުން ޝަރަފުގެ އިނާމުވެސް ޒާހިރު ވަނީ ހާސިލް ކުރައްވާފައެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް އަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އެރުވިއިރު، އޭނާ ވަނީ ނޫސްވެރިކަމަށް 50 އަހަރު ޚިދުމަތް ކޮށްދެއްވާފައެވެ. ރޭޑިއޯއިން ހަބަރު އަޑުއަހައިގެން ލިޔުނު ޒަމާނުން ފެށިގެން ނޫސްވެރިކަމުގައި އުޅުއްވާފައިވާ އައްބާސް އަކީ "އާފަތިސް" ގެ ބާނީއެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އެވޯޑްވެސް ހާސިލް ކުރައްވާފައެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ސީނާ އަހުމަދު ޒާހިރަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އެރުވިއިރު، އޭނާ އަކީ ރާއްޖޭން ބޭރުގެ ނޫހެއްގެ ކަރެސްޕޮންޑެންޓަކަށް މަސައްކަތްކުރި ފުރަތަމަ ދިވެހި ނޫސްވެރިޔާއެވެ. "ހަފްތާ" ނޫހުގެ މޭސްތިރިޔާ ސީނާ ޒާހިރަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ކޮލަމިސްޓެވެ. "ރައްޔިތުން އަހަންމަދުގެ ދޭސީ ހިޔާލު" އަކީ އޭނާ ވިދާލި އެއް ސަބަބެވެ.

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އެރުވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ މައުހަދުއް ދިރާސާތުލް އިސްލާމިއްޔާ ހިންގަވަމުންވެސް ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނޫސްވެރިކަމުގެ ޝަރަފުގެ އެވޯޑް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އެރުވި އަބްދުﷲ ސޯދިގު (ސޯދުބެ) ވަނީ ރޭ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑުވެސް ހާސިލް ކުރައްވާފައެވެ. ސަރުކާރުގެ ޚަބަރުގެ ނޫސްވެރިއެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއަށް ނިކުމެވަޑައިގަތް ޞޯދިގަކީ އެދުވަސްވަރު ނެރުނު ގިނަ ނޫސްތަކަކަށް ލިޔުއްވި ކުޅަދާނަ ނޫސްވެރިއެކެވެ. ހަވީރު ނޫހުގެ ފުރަތަމަ އެޑިޓަރުކަންވެސް ކުރެއްވި ދިވެހި ބަހުގެ އިލްމުވެރިޔާ ޞޯދިގު ވަނީ ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގައިވެސް މަސައްކަތް ކުރައްވާފައެވެ.

ކޮޕީ މުހައްމަދު ރަޝީދަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އެރުވިއިރު، އޭނާއަކީ "ހަވީރު"ގެ ފުރަތަމަ މެނޭޖިން އެޑިޓަރެވެ. އޭނާ މި ދާއިރާއިން ވިދާލާފައިވަނީ "ހަވީރުގެ ތަރި" ގައި ގެނެސްދިން އިންޓަވިއުތަކުންނެވެ. ހަމައެއާއެކު އަބްދުﷲ ފާރޫގު ހަސަނަށްވެސް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަރުވާފައިވާއިރު، ފާރޫގުގެ ޚިދުމަތް ނުލިބޭ ނޫހެއް ރާއްޖޭގައި މަދުވާނެއެވެ. "މިއަދު" ނޫހަކީ ސީނީ ރޮނގުން ލިޔުއްވުމުގައި ފާހަގަކޮށްލެވޭ ފާރޫގުގެ ނޫސްވެރިކަމުގެ މަރުކާއެކެވެ.

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަށް ބޭފުޅަކަށް އެރުވިއިރު، ވޭތުވެދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔަކަށް ހޮވިފައިވަނީ "ކުޅުދުއްފުށީ އޮންލައިން" އިން ނޫސްވެރިކަމުގެ ދާއިރާއަށް ނިކުމެވަޑައިގެންނެވި، "ވަގުތު" ނޫހުން ވިދާލި އަދި މިހާރު "އަވަސް" ނޫހުގައި އެސިސްޓަންޓް އެޑިޓަރެއްގެ މަޤާމް ފުރުއްވަމުން ޝަރުޢީ ދާއިރާގެ ޚަބަރުތައް ގެނެސްދިނުމުގައި ކުޅަދާނަ ނޫސްވެރިޔާ ނާޒިމް ހަސަންއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑެލްބޯއި

    މައުމޫނަކީ ނޫސްވެރިންނަށް އެންމެ އުނދަގޫކޮށް އަނިޔާކުރެއްވި ވެރިޔާ. މައުމޫނަށް ތި އިނާމު ދިނުމެކޭ ހިޓްލަރަށް ޔަހޫދީންނަށް އޯގާތެރިވި ކަމުގެ އިނާމު ދިނުމެކޭ ހަމަ އެއްގޮތް.

  2. ޔާމިން

    ވަގުތަށް އެއްޗެއް ނުލިބުނީމަ ކަޑަވީ ދޯ. ޙެހެ

  3. މިއަދު

    ނޫސްވެރިން ނޫސްވެރިކަން ކުރާގޮތް ދިރާސާކުރަން ފެނޭތޯބަލަން ކޮމެޓީއެއް އުފައްދަން ފެނޭ

  4. ހެޕީ

    ނަޝީދު ބޭނުންވާނި ބައިނަލްއަޤުވާމީ އެވޯޑު ރާއްޖެއަކީ މާކަޑަތަނެއްކަމަށް ދެކޭ މީހެއް އެއީ..

  5. ޙައްވަ

    ނަސީދު އެއި މައްސަލައަކަށް ނަހަދާއިރު ވަގުތަށް ކީއްތަ؟ ޙަމަ ފިތުނަ އުފައްދަން.

  6. ނަޖްވާ

    ސިފްލީނު ސަލާމް ނުކުރީމަތަ ސީ އެން ސީ މަނިކު އެވޯޑު ހިފައިގެން އެ ނައްޓާލީ؟ ކީއްވެތަ އަޅެ ޚަބަރަކަށް ނުވެގެން ނުލިޔަނީކީ އެއް!

  7. ޔާމިން

    އެއީމީހެއްދޯ މިގައުމްގެހަލާކް

  8. ގުއިކޯޓު

    މައްސަލައެއް ނޫން. ސްޕްރީމްކޯޓުން އަމުރެއް ނެރިލާ ހުރިހާ އިނާމެއް ބާތިލޭ، އިނާމުތައް ޕިކަޕަކަށް އަރުވައިގެން ކެނެރީގެއަށް ވައްދަން ފުލުހުންނަށް އަމުރުކޮށްފީމޭ. ޓަޑާ!!!