މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރަށް ހިންގުމުގެ ރޯގާ ފެތުރޭ މިންވަރު އިތުރުވާތީ، ޢާއްމު ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ނޮވެމްބަރ މަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރަށް ހިންގުމާއި، ހޮޑުލުން އިތުރުވަމުންދާކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި، އެހެން އަހަރު ތަކުގައިވެސް މިދުވަސްވަރަކީ ރޯގާތައް އިތުރުވާ ދުވަސަވަރެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ބޭރަށް ހިންގުމާއި ގުޅިގެން ވޭތުވެދިޔަ ދެ ހަފްތާގައި 1666 ކޭސް މި އެޖެންސީއަށް ވަނީ ރިޕޯޓް ކޮށްފައި، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ ޖުމްލަ އަދަދާ އަޅާބަލާއިރު، 5 އިންސައްތަ އިތުރު އަދަދެއް." އެޗްޕީއޭ އިން ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ، ބޭރަށް ހިންގުމުގެ ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ބޭރަށްހިންގުމާއި ހޮޑުލުން ފެތުރެން ޢާއްމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީޢާއިން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ފަރާތުން" އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ، ބޭރަށްހިންގުމުގެ ރޯގާއިން ރައްކާތެރިވުމަށްޓަކައި، ރައްކާތެރި ބޯފެން ބޭނުންކުރުމާއެކު، ސައިބޯނި ލައިގެން އަތްދޮވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން އިލްތިމާސް ކުރައްވާ ކަމަށެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ޢާއްމު ރައްޔިތުން ސަމާލުވުމަށާއި، ސާފުޠާހިރުކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކުރެއްވިއިރު، ޑެންގީ ހުން ފެތުރޭ މިންވަރުވެސް ވޭތުވެދި ދެ ހަފްތާގައި ވަނީ އިތުރުވެފައެވެ.

އެޗްޕީއޭއިން އިލްތިމާސް ކުރައްވަނީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި، މަދިރިން ސަލާމަތްވެގެން ދިރިއުޅުމުގެ އިތުރުން ޑެންގީ ހުމަށް ޝައްކު ކުރެވޭނަމަ ލަސް ނުކުރައްވާ ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ހޯއްދެވުމަށެވެ.

މި ދުވަސްވަރަކީ ދެމޫސުން ބެދޭ ދުވަސްވަރަށްވާއިރު، ސްކޫލް ބަންދާ ދިމާވާތީ ގިނަ އަދަދެއްގެ ދިވެހިން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް އަދި ރާއްޖޭނެ ބޭރުގެ އެކި ޤައުމުތަކަށް ދަތުރު ކުރުން ވަރަށް ބޮޑަށް އިތުރުވާ ދުވަސްވަރެއް ކަމުން، ދަތުރުކުރެއްވުމުގައި ޞިއްޙަތަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮފުބާ

    ރީންދޫ ރޯގާ

  2. ވެމްކޯ

    1666 އަކީ ވެމްކޯ ވީމާ އެހެން ވެދާނެ