މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އިން ކުޅުދުއްފުށީގައި އުޅެމުންދާ އިސްރަށްވެހިންނާއެކު ވަގުތު ހޭދަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުން ފެށިގެން މެންދުރުގެ ނިޔަލަށް ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

މިއަދު ކުރިއަށް ދިޔަ މި ހަރަކާތުގައި އެރަށުގެ ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވެފައިވާއިރު، އެފަރާތްތަކަށް ފައިދާލުރާނެ ގިނަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ރިޓަޔާ ކުރުމަށްފަހު އެފަރާތްތަކުން ކަންތައް ކުރަންވީ ގޮތުގައި މައުލޫމާތާއި، އުމުރުން ދުވަސްވުމުން ޞިއްޙަތު ރަނގަޅުކޮށް ހުންނަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މީގެއިތުރުން، މި ހަރަކާތުގެ ތެރެއިން ޕެންޝަން އޮފީހުގެ ފަރާތުން ކުޅުދުއްފުށީގައި އުޅެމުންދާ އިސްރަށްވެހިންނަށް އަޅައިދޭން ނިންމާފައިވާ ޕާކު އިފްތިތާޙުކޮށް، އެ ޕާކުގެ ކޮންސެޕްޓްވެސް ދައްކާލާފައިވެއެވެ. ހަމައެހެންމެ، އިސް ރަށްވެހިންނަށް ދިވެހި ރެޑް ކްރެސެންޓުން ހިންގާ "މަދަދު" ޕްރޮގުރާމުވެސް އިފްތިތާޙު ކޮށްފައިވެއެވެ.

ހަމައެހެންމެ، މި ހަރަކާތުގެ ތެރެއިން، ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ހިމަނައިގެން ހެނދުނުގެ ނާސްތާއަކާއި މެންދުރުގެ ކެއުމެއްވެސް ދީފައިވެއެވެ.

މިދިޔަ އަހަރު މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީގައެވެ.