ދިވެހި ޒުވާނުންނާއި އަންހެން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން އަންނަ ޑރ. އައިޝަތު ރަފިއްޔާވެސް އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

ޑރ. ރަފިއްޔާ މިކަން އިޢުލާން ކުރައްވާފައިވަނީ މިއަދު އޭނާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކުރިމަތިލައްވަނީ މާފަންނު އުތުރު ދާއިރާއަށެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓުގައި ރަފިއްޔާ ވިދާޅުވީ ސިޔާސީ ގޮތުންނާއި އެހެން ގޮތްގޮތުންވެސް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ކުޑަކުދިންނާއި ޒުވާނުން އަދި އަންހެނުންނަށްކަމަށެވެ. އެހެންކަމުން، މިކަން ކަން ހުއްޓުވުމަށް އޮތް މަގަކީ ރައްޔިތުންގެ ޙައްޤުގައި ތެދުވުންކަމަށެވެ.

އޭނާއަކީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ އެއް ޖަމިއްޔާކަމުގައިވާ ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގ ޔޫތު (ރަފީ) ގެ ފައުންޑިންގ ޕްރެޒިޑެންޓް އެވެ.

މީގެއިތުރުން، ޑރ. ރަފިއްޔާ އަކީ ސިޔާސީ ދާއިރާގައިވެސް މަސައްކަތް ކުރައްވަމުން އަންނަ ހީވާގި ކަނބަލަކެވެ. އޭނާއަކީ، ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ނައިބު ލީޑަރުގެ މަޤާމަށް އިންތިޚާބުވި ފުރަތަމަ އަންހެން ބޭފުޅާވެސްމެއެވެ. އެގޮތުން، އޭނާއަކީ އަދިވެސް މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ނައިބު ލީޑަރެކެވެ.

އަންހެނުންނަށް ސިޔާސީ މައިދާނުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ރަފިއްޔާ އަޑުއުފުއްލަވަމުން ގެންދަވާއިރު އޭނާ ދަނީ މިކަންކަމަށް ރާއްޖެއާއި ބައިނަލްއަޤުވާމީ މައިދާނުގައި އަޑު އުފުއްލަވަމުންނެވެ.

ބައިނަލްއަޤުވާމީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ރަފިއްޔާ އަކީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ޚާއްޞަ ޕްރޮޖެކްޓެއްކަމުގައިވާ "ކުއީންސް ޔަންގ ލީޑާސް" ގެ މެންޓަރ ޕެނަލުގައި މިދިޔަ ތިން އަހަރުވެސް މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ. ހަމައެހެންމެ، ކުއީން އެލިޒަބަތުގެ ޑަޔަމަންޑް ޖުބްލީ ޓްރަސްޓް އިން ވަނީ، ރަފިއްޔާގެ އެހީތެރިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 500 އެއްހާ ޒުވާން ލީޑަރުން ތަމްރީނު ކުރުމުގައި އެހީތެރިވެފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުންވެސް، ނިއު ޔޯކް ސްކޫލް އޮފް ސައިންސަސްގެ ސްޓެމް ސްކޯލާސް އަދި 1000 ގާލްސް، 1000 ފިއުޗަރ ޕްރޮގުރާމުގެ މެންޓަރކަންވެސް ރަފިއްޔާ އަދާކުރައްވައެވެ. ހަމައެހެންމެ، އިންޓަނޭޝަނަލް ޔޫތު ކޮމިޓީ (އައިވައިސީ) ގެ ނައިބު ރައީސާއަކީވެސް ޑރ. ރަފިއްޔާ އެވެ.

ރަފިއްޔާ ކުރައްވަމުން އަންނަ މަސައްކަތްޕުޅުތައް ގިނަ ފަރާތްތަކަކުން ބަލައިގަންކަން އެނގެނީ އޭނާއަށް ލިބިލައްވާފައިވާ އެވޯޑުތަކުންނެވެ. އެގޮަތުން، ޤައުމީ ޒުވާނުންގެ އެވޯޑާއި ޖޫނިއަރ ޗެމްބަރ އިންޓަނޭޝަނަލްގެ ޓެން އައުޓްސްޓޭންޑިންގ ޔަންގ ޕާސަންސް އެވޯޑާއި، ގޯލްޑަން ގްލޯބް ވިމަން އެކްސެލަންސް އެވޯޑާއި ގްލޯބަލް ޔޫތު އެވޯޑު ހިމެނެއެވެ.

ހަމައެހެންމެ، އޭނާ ގެންދަވަނީ ހިލޭ ސާބަހަށް، ރާއްޖެއާއުި ރާއްޖެއިން ބޭރުގައިވެސް ތަމްރީން ޕްރޮގުރާމުތައް ހިންގަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޔ

    އަހަރެމެންގެ ޒުވާންނުންގެ ގިނަބަޔަކީ ލައިގެންހުންނަ އަންނައުނު ގައިގަ ހަރުނުލާ ފަދަ ހާލުގައި ތިބިބައެއް.ފުރަތަމަ މިފަދަ މީހުން އިންސާނެއްގެ ދަރަޖައަށް ގެންނަން މަސައްކަތްކުރަން އެބަޖެހޭ.....