ސިނަމާލެ ބްރިޖުން ޓޯލް ނެގުމާއި ގުޅޭ މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ ނޫސް ކޮންފަރެންސްގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ޓޯލް ނެގުމަށް ސަރުކާރުން ވަކި ގޮތެއް އަދި ނުނިންމާކަމަށާއި ޓޯލް ނެގިއަސް ނަގާނީ ރައްޔިތުން އަތްފޯރާ އަގެއްކަމަށެވެ.

"ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި އަދި ދަތުރުކުރެވޭ ގޮތަށް ޓޯލް އެއް ނެގިޔަސް ނަގާނީ. ހުރެފަ ބޮޑު ޓޯލްްއެއް ނަގައިގެން އެކަމަކީ ދެކޮޅު ޖެއްސޭނެ ކަމަކަށް ނުވާނެ ރައްޔިތުންނަކަށް. އެކަމެއް އަޅުގަނޑުމެން ނުކުރާނަން. އަޅުގަނޑުމެން މިނިސްޓްރީއަށް ދަރަނިވެރިވާން ޖެހުނަސް" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ޓޯލް އާއި ގުޅޭ ގޮތުން ސަރުކާރުން ދެގޮތަށް ބަހުސް ކުރަމުން އަންނަ ކަމަށެވެ.

"ބުރިޖުން ޓޯލް ނަގާކަށް އަޅުގަނޑުމެން ވަކި އިރެއް ކަނޑައަޅާފައެއް ނެތް. އެކަމާއި މެދު ދެކޮޅަށްވެސް ބަހުޡްކުރެވެމުން ދަނީ. އޭގެ މާނައަކީ ޓޯލް ނަގާނީތޯ ނުނަގާނީތޯ؟" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ހުޅުމާލެ ބްރިޖު ހުޅުވާލުމަށް ފަހު ބުރިޖުން ޓޯލް އެއް ނަގާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ބުރިޖުން އެއްވެސް ޓޯލެއް ނަގާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުދިބެ

    ބްރިޖަކީވެސް އާއްމުން ދަތުރުކުރާ މަގެއް. ބްރިޖުން ދަތުރުކުރަން ފީއެއް ނަގާކަމަށްވަންޏާ ހަމަ މާލޭގެ މަގުތަކުން ދަތުރުކުރަންވެސް ފީނަގަންޖެހޭނެ. އެހެނެއްނޫން ޓެކްސީގެ ފީ ބްރިޖްގައި ދަތުރުކުރުމަށް ތަފާތުކޮށް ބޭއްވުަމށް ތާއީދު. އެނޫންގޮތަކަށް ބްރިޖްުގައި ދަތުރުކުރަން ފީނެގުން ބުއްދިވެރިއެއްނޫން. އެއީ ހުޅުމާލެއާ މާލެއާއި ހުޅުލެއާއި ދެމެދު ޒަރޫރީ އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު އެތައް ދަތުރެއްކުރަންޖެހޭ އާއްމު ރައްޔިތުންނަށް ވަރަށް ބޮޑު ތަކްލީފެއް