އައިސް ޕްލާންޓްތައް ކައުންސިލާއި ރައްޔިތުން ހިއްސާވާގޮތަށް ހިންގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ 38 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް، ގއ، ގެމަނަފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް އެންމެ ފައިދާވާގޮތަށް އައިސް ޕްލާންޓްތައް ހިންގުމަށްޓަކައި އެތަންތަން ރަށު ކައުންސިލްތަކުގެ ހިއްސާއާއެކު ހިންގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"އައިސް ޕްލާންޓްތައް އެގޮތަށް ހަމަޖެހުމުން އެތަންތަން ހިންގާނީ މަސްވެރިންނަށް އެންމެ ލާބަ ލިބޭގޮތަށް. މަސްވެރި މުޖުތަމައުގެ ބައިވެރިވުމާއި ރޭވުންތެރިކަމާ އެކު. މިއީ މަސްވެރިކަމުގެ ސިނާއަތުގައި ރައްޔިތުން ބައިވެރި ކުރުމުގެ މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް އައިސްޕްލާންޓްތައް ކައުންސިލްތަކާއި ހަވާލުކުރާނީ ކޮން އިރަކު ކަމެއް ރައީސް ވިދާޅެއް ނުވެއެވެ.

"ނޫ އިގްތިސާދަކުން ލާމަރުކަޒު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ޖަޒީރާ ވަންތަ ތަރައްގީ ގެނައުމަކީ މި ސަރުކާރުގެ އަމާޒު،" ރައީސް ވިދާޅުވިއެވެ.

މަސްވެރިން ގިނަ ގެމަނަފުށީގައި މިހާރު ބޭނުން ކުރަމުން އަންނަ އައިސް ޕްލާންޓުގެ ކެޕޭސިޓީ ދެ ގުނައަށް އިތުރުކޮށް 50 ޓަނުގެ އައިސް އުފައްދާ ޕްލާންޓެއް އެރަށުގައި ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް މިރޭ ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސް އޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަން ކުރާނީ ބޭންކުތަކާ ގުޅިގެން ސްކީމެއް ތައާރަފް ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ތަމްރީނު ނުލިބި ފީނުމުގެ ސަބަބުން ދިމާވާ ހާދިސާތަކުގައި މަސްވެރިން ނުކުޅެދޭ ހާލަތަށް ދިއުމާއި ފުރާނަ ގެއްލުންފަދަ ހިތާމަވެރި ހާދިސާތައް ހިންގުން ހުއްޓުވުމަށް މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގަން ފައްޓަވާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.