ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގއ.ގެމަނަފުށީގައި ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގެމަނަފުށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، ގެމަނަފުށްޓަކީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކަށް ބޭނުންޖެހިފައިވާ ރަށެއް ކަމަށާއި، އޭގެ ތެރެއިން މުހިންމު ގިނަ މަޝްރޫއުތަކެއް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ހިންގުމަށް ބަޖެޓު ކުރެވިފައިވާ ކަމަށެވެ.

"މި ރަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމަށް، މި ފެށޭ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައި. އަދި މި ރަށުގެ ސްކޫލަށް ބޭނުންވާ ދިހަ ކުލާސްރޫމްގެ މަސައްކަތް، މިހާރު އެވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި. އަދި މިރަށުގެ ފާޚާނާ ނިޒާމު އެޅުމުގެ މަޝްރޫޢު ވެސް ވަނީ މިއަހަރުގެ ބަޖެޓުގައި އަނެއްކާވެސް ހިމަނާފައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ގެމަނަފުށީގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ޞޯލިޙް ވިދާޅުވީ، ފެނާއި، ފާހާނާ ނިޒާމު އަދި 10 ކްލާސްރޫމްގެ އިތުރުން ގެމަނަފުށީ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، 24 ގަޑިއިރަށް ހިދުމަތް ލިބޭ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް މާ ލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށެވެ.

"މި ރަށުގެ މަގުތައްވެސް ރަނގަޅު ފެންވަރުގައި ހެދުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އެހެންނަމަވެސް، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުނުކޮށް މަގުތައް ހެދުމަކީ، އެންމެ ބުއްދިވެރި ގޮތްކަމަށްނުވާތީ، ފުރަތަމަ އެކަން ކުރުމަށްފަހުގައި، މަގުތައް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނެ ވާހަކަ ދަންނަވަން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ މަސްވެރިންގެ ދުވަސް، ގެމަނަފުށީގައި ފާހަގަކުރުމަށް ސަރުކާރުން ނިންމުމަކީ ވަރަށް މުނާސަބު ކަމެއް ކަމަށާއި، މިއީ މި ރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރާ ދެވަނަފަހަރު ކަމަށެވެ. އަދި ގެމަނަފުއްޓަކީ ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމަށް ލޯބިޖެއްސުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާ ރަށެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ޞިނާޢަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭ ރަށެއް މި ރަށަކީ. ޚާއްޞަކޮށް، ޒުވާނުންގެ ހިތްތަކުގައި މަސްވެރިކަމުގެ ރޫޙު އަށަގެންނެވުމުގައި، މި ރަށުގެ ޒުވާން މަސްވެރިންގެ ޙިއްޞާ ވަރަށް ބޮޑު." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ގެމަނަފުށީގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ގެމަނަފުއްޓަށް އިތުރަށް ތައުރީފް ކުރެއްވީ "ގެމަނަފުށީ މަސްވެރިން" ގެ ނަމުގައި ޓްވިޓަރގައި އާއްމު ކުރަމުންދާ މަސްވެރިކަމުގެ ފޮޓޯއާއި ވީޑިއޯތަކަށެވެ.

"މި ރަށުގެ މަސްވެރި އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތައަށްވުރެ މަތީ ނިސްބަތަކީ 30 އަހަރުން ދަށުގެ ޒުވާނުން. ނޫ އިޤްތިޞާދުގެ ނަފާ ހޯދުމަށް، މަސްކަނޑުތަކުގައި ޒުވާނުން ކުރަމުންދާ ތަޖުރިބާތައް، ސޯޝަލް މީޑިއާގައި އެދަނީ ޙިއްޞާކުރަމުން. އެކަމަށް ޝައުޤުވެރިވެ، ރާއްޖޭގެ ޒުވާން މަސްވެރި އާބާދީ އަންނަނީ މިހާރު އިތުރުވަމުން." ރައީސް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރިއިރު، ގެމަނަފުށީގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ޞޯލިޙް ވަޢުދުވެވަޑައިގެންނެވިއިރު، ދޮޅު އަހަރު ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހައްދަވާނެ ކަމަށާއި، އައިސްޕްލާންޓްތަކަކީ ކައުންސިލްތައް ހިއްސާވެގެން ހިންގޭ ތަންތަނަށް ބަދަލުކުރައްވަންވެސް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ނަމަވެސް، އެއީ މިހާރު އާމްދަނީގެ ގޮތުން ބަލާއިރު ތިންވަނަ ސިނާއަތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖާޑޭ

    ފެނާއި ނަރުދަމާ އަކީ ޔާމީން ފަށާފައި ހުރި ކަމެއް. ކުލާސްރޫމް ވެސް.

  2. ލަބީބު

    އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވާފިނަމަ ތިޔައީ ރައީސް ޔާމީން ވަޢުދުވެފައިވާ ކަންކަން . އަދި ބަޖެޓުވެސް ކޮށްފައިހުރިކަންކަން 2019 އަށް! ބެޖް ޖަހަން ތިޔަ އުޅެނީ!

  3. އައްޑެ

    ބަލަގަ ކިހިނެއް ވެގެން ތިޔަ ތެޅިބާލަނީ.. ޔާމީން ހަދާގޮތަށް ނަހަދަންޏާ ދެން ކިހިނެއް ހަދާނީ... އޭރުން އިންސާނުންގެ ލިސްޓުން ކެނޑި ކުކުޅު ހާލުގެ މިސާލަށް ވެއްޓިދާނެ.

  4. މިއަދު

    މީހުން ގުބޯ ހައްދަން ބަސްބުނުމަކީ ވަރަށް ފަސޭހަކަމެއް މޭޒުދޮށުގައިއިދެފައި ވަތްގަނޑު ބަލާލާއިރު ފައިސާނެތުމުން ކަން ކުރުމަކީ ވަރަށް ދަތިކަމެއް ހުސްވަޢުދު ނުވާތި ޚިދުމަތުގެ އަގު ކުޑަކުރާވަރަކަށް ދައުލަތަށް ލިބޭފައިސާ މަދުވާނެ ގިނައަނގަތަޅަންޏާ ގިނަ ވަޢުދު ވެވޭނެ މަބުނާނެ ވަހަކައެއްނެތް ހުރިހާވަޢުދެއްވާންތަންތަނަށް އަންނި ފޮނުވާ އެއިރުން އެކަން ނުވުމުން ރައިސްމީހަ ސަލާމަތްވާނެ

  5. މިއަދު

    ސެލްފީ ރައިސް ގެމަނަ ފުއްޓަށް ވަޑައިގެން ގިނަ ވަޢުދު ތަކެއް ވެއްޖެ