ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ނާޒިމް ޖަލަށް ލާން ކޮށްފައިވާ ޙުކުމްތަކުގެ މައްސަލަ އަލުން ބެލުމަށް ފަހު، އެބޭފުޅާ މިނިވަންކުރަން ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ނާޒިމް މިނިވަން ކުރުމަށް ހުކުމް ކުރީ ސްޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެވެސް އިއްތިފާގުންނެވެ. އެގޮތަށް ހުރިހާ ފަނޑިޔާރުން އިއްތިފާގުވެސް ވެފައިވާއިރު، މީގެ ކުރިން ނާޒިމްގެ މައްޗަށް 25 އަހަރުގެ ހުކުމް ކުރީވެސް އެ ފަނޑިޔާރުންނެވެ.

އަހްމަދު ނާޒިމްގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާ ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވީ އޭނާގެ ހިއްސާ އޮތް ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ލައްވައި، އެކި ކުންފުނިތަކުގެ ނަމުގައި އެސްޓިމޭޓްތަކެއް ހުށަހަޅައިގެން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ. ކްރިމިނަލް ކޯޓާއި ހައިކޯޓުން ނާޒިމާ އެއްކޮޅަށް މި މައްސަލަ ނިންމިޔަސް، ސުޕްރީމް ކޯޓުން އޭރު ނިންމީ ނާޒިމާ ދެކޮޅަށެވެ.

އެ ބޭފުޅާގެ ޖަލު ހުކުމް ތަންފީޒު ކުރުން މަޑު ޖައްސާލާފައި އޮތީ ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގެ ދަށުންނެވެ.

ސްޕްރީމް ކޯޓުން ހުކުމް ކުރީ ނާޒިމް ޖަލަށް ލުމަށް އެ ކޯޓުގެ ނަންބަރު 52/Sc-C/2014 އިން ކުރި ހުކުމް ބާތިލު ކުރުމަށެވެ. ހުކުމުގައު ބުނެފައިވަނީ، ސްޕްރީމް ކޯޓުން މައްސަލަ ރިވިއު ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުންވެސް ވިދާޅުވެފައިވަނީ، އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓަށް އިސްތިއުނާފަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވަނީ މުއްދަތު ހަމަވި ފަހުން އެކަށީގެންވާ މުއްދަތެއްވުރެ ގިނަ ދުވަސް ފަހުން ކަމަށް ދައުލަތުންވެސް އިއުތިރާފުވެފައިވާ ކަމަށެވެ.

ނާޒިމްގެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކޮށްފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމް ހުސްވެފައިވާ ދަނޑިވަޅެއްގައި 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު އެއަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހަށް ހަމަވި އިރުވެސް ޕީޖީއަކު އައްޔަން ކުރައްވާފައި ނުވާއިރު، އަލުން ޕީޖީއަކު އައްޔަން ކޮށްފައިވަނީ ޖުލައި 22 ވަނަ ދުވަހުއެވެ.

ހުކުމުގައި ބުނެފައިވަނީ އަލަށް ޕީޖީއަކަށް އައްޔަން ކުރެއްވުމާއެކު އެންމެ އިސްކަމެއް ދެއްވައިގެން އިސްތިއުނާފަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ އެވަގުތައް މުއްދަތު ހަމަވެފައިވާ މައްސަލަތައް ކަމަށާއި، ނަމަވެސް ޕީޖީ އިން އަމަލުކޮށްފައިވަނީ އެގޮތަށް ނޫން ކަމަށެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ 71 ދުވަސް އަދި އާ ޕީޖީއަކު އައްޔަން ކުރިތީ 29 ދުވަސް ފަހުން 2014 ސެޕްޓެމްބަރ 3 ވަނަ ދުވަހު އިސްތިއުނާފު ކުރި ކުރުމަކީ މަޤްބޫލު އުޒުރެއްނެތި ކޮށްފައިވާ ލަސްކުރުމެއްކަމަށް ބެލެވޭނެ ކަމަށާއި، އެހެންކަމުން އެއީ އެންމެ ރަނގަޅަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

ހުކުމުގައި އިތުރަށް ވިދާޅުވެފައިވަނީ، އަދުލުވެރި ޝަރީއަތެއްގެ ހައްޤަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްޤެއް ކަމަށާއި، މި މައްސަލައިގައި އަމަލުކޮށްފައިވާ ގޮތުން ޤާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭ އިސްތިއުނާފުކުރުމުގެ ހައްޤަށް އުނިކަން އަންނަ ކަމަށެވެ.

ސްޕްރީމް ކޯޓުގެ ހުކުމާއެކު އަޙްމަދު ނާޒިމް މިނިވަންވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނަވަނިކޮށް އޭނާގެ މައްޗަށް ކުރި ހުކުމާއެކު އެ މަޤާމު ވަނީ ގެއްލިފައެވެ. އަދި ސްޕްރީމް ކޯޓުގައި އޭނާޣެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަދި މަޖިލީހުގެ މެންބަރުކަން އަލުން ހޯދުމަކަށްވެސް އެދިފައި ނުވާތީ، ހުކުމުގައިވެސް އެއިން އެއްވެސް ކަމަކަށް އަލިއަޅުއްވާލައްވާފައެއް ނުވެއެވެ.

ސިޔާސީ މަޝްރަޚް ދިރާސާ ކުރައްވާ ފަރާތްތަކުން ފަރާތްތަކުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާޒިމް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލަބީބު

    ދެން އެހެންވީމާ އޭނަ ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިނުވާކަމަށްވާނެތަ؟ އޭނާގެމައްޗަށް ކުށް ސާބިތުކޮށް ޖަލަށް ޙުކުމްކުރީވެސް ހަމަ ތިޔަ ކޯޓުންނޫންތަ؟ އަންދާޤާނޫނު މިހާރު ތިޔައޮތީ!

  2. Miadhu

    ސާބަހޭ ސްޕްރިންކޯޓަށް ރަޢިއްޔަތުމީހުންނަށް ޣައްދާރުވެވޭނީތިވަރަށް

  3. މަމިޔޮކާކަ

    ކަލޯގެޔާ ބިލިޔަނުން މިހާރު އެ ނަގަނީ

  4. ޏަން

    ޙުސް ވަގު ހުސް ވަގު

  5. ހުސޭނުބޭ

    ދަރިޔާ! މަ އަދި އަޑެއް ނާހަން ތި ސްޕްރީން ކޯޓުން ނިކަމެއްޗަކަށް ސަހަރޯވެގެންވިއަސް ކަމެއް ލުއިކޮށްދިން ވާހަކައެއް! މީކަން ނޭގެ ޖަޒީރާ ރާއްޖޭގެ އިންސާފަކީ!

  6. ނުރަބޯ

    އެމްޑީޕީ އިން ރުއްސެވުމާއެކު އެ ރުއްސެވި މީހެއްގެ ހުރިހާ ނުބައި ނުލަފާ ޖައްބާރު ކަމާ ހިންގާފައިވާ ޖަރީމާތައް ފޮހެވި ސާފު ހުދުފޮށަޔަކަށް އެމީހަކު ބަދަލުވެގެން ދާނެއެވެ. އަނެއްކޮޅުން އެމްޑީޕީ ނުރުއްސަވާ މީހެއްނަމަ އެމީހެއްގެ ކުށެއް ނެތަސް ކުށްވެރި ކުރާނެއެވެ.

  7. އަލިބިޔާއްކަލޯ

    އަޖާއިބު އަންތަރީސް
    މިވޭތުވެދިޔަތަނުގައި ކޮއްފައިވާ ހުރިހާ ހުކުމްތަކަކީ
    ޖިއްނިޟައިތޯނުން ތިކޯޓުތަކައްވެދެ
    ކޮއްފައިވާ ހުކުމތަކެއްތަ؟
    ބޮޑުމުހުއްމާގެ
    އަބުދު ﷲ ގެ އަހައްމަދު އަށްވެސް ތިމަގާމުގަ ހުރެވޭނީ ﷲ ގެ މިންވަރު ފުޅުގައި ލިއުއްވާފައިވާ މިންވަރަކަށް
    އެހެންވީމަ
    ﷲ އަށް ބިރުވެތިވޭ
    މާދަން އޮތީ ވަރަށްކާރީގަ
    ޟުކުރިއްޔާ ކަންމަތީގޭ
    އަހައްމަދު

  8. Miadhu

    ނާޒިމްއަށް ހުކުމްކުރީ ސްޕްރިންކޯޓުން އިސްތިއުނާފަށްދާނެތަނެއްނެތް އިސްތިއުނާފްކުރީވެސް ސްޕްރިންކޯޓުން މިހާދަށުދަރަޖައިގެ ކޯޓެއް ހުރީ ދުނިޔޭގެ ކޮންގައުމެއްގަބާ؟ މިކަހަލަކަންތަކަށް ދިވެހިން ބުނެއުޅޭނެ އަތަށްރީފަ ދަޑިންތެޅުމޭ

  9. އަބުޅޯ

    ދެން މިހާރު ދިއްގަރު ދާއިރާގަ ދެ މެންބަރުން ތިބޭނެތާ ދޯ؟

  10. Miadhu

    ނާޒިމު މިނިވަންކުރަން ކުރިހުކުމުގައި އޭނާ އަދާކުރި ދިއްގަރުދާއިރާގެ މެމްބަރުކަމާއި ބަންދުގައިހުރި ދުވަސްތަކުގެ މުސާރައާއި ޢިނާޔަތް ދޭން ހުކުމް ނުކުރީ ކީއްވެބާ؟