އެނަރޖީ ޑްރިންކުގެ ތެރޭގައި ހިމެނޭ ބާވަތްތައް ބޭނުންކުރުމާއި، އެބާވަތްތައް އިޝްތިހާރު ކުރުމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެމިނިސްޓްރީގެ މިނިސްޓަރު އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓުގައި މިނިސްޓަރު ވިދާޅުވި ގޮތުން، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މިއަދު މިނިސްޓްރީ އާ ބައްދަލު ކުރައްވާ، ކުޅިވަރުގެ ދާއިރާގައި އެނަރޖީ ޑްރިންކުގެ ބާވަތްތައް އިޝްތިހާރު ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައިކަމަށެވެ. އަދި، އެއީ ޞިއްޙަތަށް އެތައް ގެއްލުންތަކެއް ލިބޭ ބުއިންތަކެއްކަމުން، ކެންސަރ ސޮސައިޓީގެ ކެމްޕޭމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

އެނަރޖީ ޑްރިންކަކީ އެބާވަތްތަކުގެ ސަބަބުން ޞިއްހަތަށް ގިނަ ގެއްލުންތަކެއް ލިބި، އެބާވަތްތަކުގެ ސަބަބުން ނުރައްކާތެރި ބޮޑެތި ބަލިތަކެއް ޖެހުމަށް މަގުފަހި ކުރުވާ އެއްޗެއްސެވެ. އެގޮތުން، ކެންސަރާއި ހަކުރު ބަލި ޖެހުމަށް، އެނަރޖީ ޑްރިންކް މަގުފަހުކުރުވައެވެ.

ރާއްޖޭގެ ގިނަ ކުޅިވަރު ހަރަކާތްތަކާއި އެނޫންވެސް ޒުވާނުން ބޭނުންވާ ހަރަކާތްތަކުގައި ދަނީ ގިނަ އަދަދަކަށް އެނަރޖީ ޑްރިންކުގެ ބާވަތްތައް ބޭނުން ކުރަމުންނެވެ.

ޔޫތު މިނިސްޓްރީން މި ބާވަތްތައް ޕްރޮގުރާމުތަކުގައި އެނަރޖީ ޑްރިންކު ބޭނުންކުރުން ހުއްޓާލުމާ ދިމާއަށް ދިއުމަށް ނިންމާފައިވާއިރު، "ވަގުތު" އިން ވަނީ މީގެ ދެ އަހަރު ކުރިން އެނަރޖީ ޑްރިންކުގެ ބާވަތްތައް ޕްރޮމޯޓް ކުރުން ހުއްޓާލާފައެވެ. "ވަގުތު" އިން އިންތިޒާމު ކުރާ އެއްވެސް އިވެންޓެއްގައި އަދި "ވަގުތު" ތަމްސީލު ކުރާ އެއްވެސް ތަނެއްގައި އެނަރޖީ ޑްރިންކް ބޭނުން ކުރުމަކީ މުވައްޒަފުންނަށްވެސް މަނާ ކަމެކެވެ.